ދިރިއުޅުމުގެ އަގުތައް މައްޗަށްދާތީ ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރަމުންދާ މުޒާހަރާތައް ހޫނުވެ މުޒާހަރާތައް ކޮންޓްރޯލް ކުރަން 90 ހާސް ފުލުހުން މަގުތަކަށް ނެރެފި އެވެ.

އިއްޔެ އެކަނިވެސް މުޒާހަރާކުރަމުންދިޔަ ފަރާތްތަކާ ދެކޮޅަށް ކަރުނަ ގޭހާއި ޕެޕަރސްޕޭރޭ ބޭނުންކޮށް 200 އަށްވުރެގިނަ މީހުން ވަނީ ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރުކުރީ ހަތިޔާރުގެ ގޮތުގައި ބެލެވޭ، ބޭސް ބޯލް ބެޓާއި، ދަގަނޑު ބޯޅަ ގެންގުޅެފައިވާތީ ކަމަށް ފުލުހުން ބުނެއެވެ.

"ޔެލޯ ވެސްޓް" ގެ ނަންދީފައިވާ މި މުޒާހަރާ ފެށިގެންދިޔައީ ޑީސަލްގެ އަގު ބޮޑުވެގެންނެވެ. މިއީ ފަހުގެ ތާރީހުގައި އެގައުމުގައި ހިނގާ މިފަދަ ދާހިލީ އެންމެ ބޮޑު ހަމަނުޖެހުމެވެ.

މުޒާހަރާތައް ހޫނުވެ، ތެލުން ނަގަން އުޅުނު ޓެކްސް އަންނަ އަހަރުގެ ބަޖެޓްގައި ނުހިމެނުމަށް ފަރަންސޭސީވިލާތުގެ ސަރުކާރުން މިހާރު ވަނީ ނިންމާފައެވެ. އެހެންނަމަވެސް ތެލުން ނަގަން އުޅޭ ޓެކްސްއާއި ހެދި ފެށުނު މުޒާހަރާތައް، ސަރުކާރުގެ ގިނަ ސިޔާސަތުތަކާއިމެދު ހިތްހަމަނުޖެހޭ މީހުން ޝުޢޫރުފާޅުކުރާ މުޒާހަރާތަކަކަށް ބަދަލުވުމާއިއެކު މުޒާހަރާތަކަށް ހުއްޓުމެއް ނާދެއެވެ.

ޑީސަލުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން މަސައްކަތްކުރުމުން ފެށުނު މުޒާހަރާތައް މިހަފްތާ ބަންދުގައި ހޫނުވެދާނެ ކަމަށް ލަފާކޮށް، ޕެރިހުގައި ފަތުރުވެރިންގެ މަޤްބޫލުކަން ލިބިފައިވާ ބައެއް ތަންތަން ވަނީ ބަންދުކޮށްފައެވެ.

ފަރަންސޭސީ ބޮޑުވަޒީރު އެޑުއަރޑް ފިލިއްޕެ ވިދާޅުވީ ޕެރިހުގެ މަގުތަކުގައި ހަމަނުޖެހުން ހިނގަމުންދާއިރު ފަރަންސޭސީވިލާތުގެ އެކި ސަރަހައްދުތަކުގައި ސަލާމަތީ ކަންކަން ބެލެހެއްޓުމަށް 90 ހާސް ފުލުހުން ނެރެފައިވާކަމަށެވެ.

ފްރާންސްގައި މީހާރުވެސް ގިނައިން ބޭނުންކުރަމުން ދަނީ ޑީސެލް ބޭނުންކުރާ އުޅަނދުފަހަރެވެ. ފްރާންސްގައި މިހާރު ޑީސެލް ލީޓަރެއްގެ އަގު ހުރީ 1.51 ޔޫރޯއަށެވެ. މިއި ނިސްބަތުން ދުނިޔޭގެ ބާޒާރުގައި ޑީސެލްގެ އަގު ހުރި މިންވަރަށްވުރެ މަތީ އަގެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖިންނި

    ފްރާންސް އަކީ އެފްރިކާ ބައްރު ފެލައިގެން މުއްސަނދިވެގަނެގެން އުޅޭ އިސްތިއުމާރީ ގައުމެއް މިހާރު އެފްރިކާ ބައްރުގަ އިތުރަށް ފެލާކަށް '' ކިރެއް '' ނެތް އެހެންވެ އެ ކަމުގެ އަސަރު ފްރާންސަށް އެ ކުރަނީ