މެކްސިކޯ ރައީސުން ދަތުރުފުޅު ކުރައްވާ ރަސްމީ ރަސްމީ ފްލައިޓް ވިއްކާލަން މެކްސިކޯގެ އާ ރައީސް އަންދުރޭސް މެނުއަލް ލޮޕޭޒް ނިންމަވައިފިއެވެ.

މެކްސިކޯގެ ރައީސަށް ޚާއްސަ އެއަރފޯސް ވަންގެ ފްލައިޓު ވިއްކާލުމަށްފަހު އާންމުންނާއެކު ކޮމާޝަން ފްލައިޓުތަކުގައި ދަތުރުކުރައްވަން އޭނާ މިހާރު ވަނީ ނިންމަވާފައެވެ.

މެކްސިކޯގެ އާ ރައީސް މެނުއަލް ލޮޕޭޒް ވިދާޅުވީ ފަގީރުން، ނިކަމެތިން ގިނަ ގައުމެއްގައި އަގުބޮޑު ފްލައިޓެއްގައި ރައީސް ދަތުރުކުރުމަކީ އޭނާ އަށް ގަބޫލުކުރެވޭ ކަމެއްނޫން ކަމަށެވެ.

އުމުރުން 65 އަހަރުގެ ލޮޕޭޒް ވަނީ އޭނާގެ މުސާރަ ވެސް 60 ޕަސެންޓް ކުޑަ ކޮށްފަ އެވެ. މީގެ އިތުރުން ރިޔާސީ ޖެޓް ބޭނުން ނުކުރެއްވުމަށާއި ރިޔާސީ ގަނޑުވަރުގައި ދިރިނޫޅުއްވުމަށް ވަނީ ނިންމަވައިފަ އެވެ. މި ހުރިހާ ކަމެއް ވެސް ކުރައްވަނީ ކޮރަޕްޝަން ހުއްޓުވުމުގެ ބޭނުމުގައި ކަމަށް އޭނަ ވިދާޅުވި އެވެ.

ފަގީރުނާއި ރައްޓެހި ރައީސް ލޮޕޭޒް ވަނީ މީގެ ކުރިން މެކްސިކޯގައި ވެރިކަން ކޮށްފައިވަނީ ފަގީރުންނާއި ނިކަމެތިންނަށް ރަހުމުނެތް ދަހިވެތި މުއްސަނދިންގެ ބައިމަދު ޖަމާއަތެއްގެ ބައެއް ކަމަށް ސިފަކުރައްވައި ކުރީގެ ވެރިންނަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.

ލޮޕޭޒްް ވެރިކަމާ ހަވާލުވެވަޑައިގެންނެވީ މި މަހު ދެވަނަ ދުވަހު އެވެ. އޭނާ ވަނީ ގައުމުން ކޮރަޕްޝަން ނައްތާލައި ދެފުއް ފެންނަ ބޮޑެތި އިންގިލާބީ ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައްޔިތުނަށް ވައުދުވެފައެވެ.

ލޮޕޭޒްް ވެރިކަމާ ހަވާލުވެވަޑައިގެންފައިވާއިރު އެމަނިކުފާނަށް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ މެކްސިކޯ ހުރަސްކޮށް ލެޓިން އެމެރިކާގެ ފަގީރު ގައުމުތަކުގެ ރައްޔިތުން އެމެރިކާއަށް ހިޖުރަކުރުން ހުއްޓުވުމެވެ.