ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮންސިއުލޭޓްގައި މަރާލި ސައުދީ އަރަބިއްޔާގެ ނޫސްވެރިޔާ ޖަމާލް ޚަޝޯޤީ މަރުވުމުގެ ކުރިން އެންމެ ފަހުން ބުނި ބަސްތައް "ސީއެންއެން" އާންމު ކޮށްފިއެވެ.

ޚަޝޯޤީ މަރާލި ވަގުތު ރެކޯޑް ކޮށްފައިވާ އޯޑިއޯގެ ރެކޯޑިން އަޑުއެހި މީހަކު ސީއެންއެން އަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި ޚަޝޯޤީ އެންމެ ފަހުން ބުނީ "އަހަރެންނަކަށް ނޭވާއެއް ނުލެވޭ. އަހަރެންނަކަށް ނޭވާއެއް ނުލެވޭ. އަހަރެންނަކަށް ނޭވާއެއް ނުލެވޭ." އެވެ.

އޯޑިއޯގެ ޓްރާންސްކްރިޕްޓް ފެނުނު މީހަކު ސީއެންއެން އަށް މައުލޫމާތު ދެމުން ބުނީ ތިން ފަހަރަށް ޚަޝޯޤީ ލަސްލަހުން އަހަރެންނަކަށް ނޭވާއެއް ނުލެވެއޭ ބުނުމަށް ފަހު މަރުވީއެވެ. އެއަށް ފަހު އޭނާގެ ހަށިގަނޑު "ކުދިކުދިކޮށް ކޮށާލީ" ކީހަކުން ކަމަށް ވެސް މައުލޫމާތު ދިން މީހާ ބުންޏެވެ. ޚަޝޯޤީގެ ހަށިގަނޑު ކޮށާލި އިރު އެކަން ކުރި މީހުން ނުވަތަ މީހަކު ހުރީ ލަވައެއް ޖަހައިގެން ކަމަށް ވެސް ސީއެންއެން އިން ބުނެއެވެ.

ބެލެވޭ ގޮތުގައި ސީއެންއެން އަށް މައުލޫމާތު ދީފައި ވަނީ އެމެރިކާގެ ސެނެޓް މެންބަރެކެވެ. އެމެރިކާގެ ސެނެޓްގެ ކޮމެޓީއަކަށް ޚަޝޯޤީގެ މަރުގެ ތަޙްޤީޤާއި ގުޅޭ މައުލޫމާތު ސީއައިއޭ އިން މިހާރު ވަނީ ދީފައެވެ.

ޚަޝޯޤީގެ މަރުގެ ފަހަތުގައި ތިބީ ސައުދީ އަރަބިއްޔާ ސަރުކާރުގެ ސީނިއާ ވެރިންތަކެއް ކަމަށް ތުރުކީ އިން ތުހުމަތު ކުރެއެވެ. އެންމެ ބޮޑަށް ތުހުމަތުގެ އިނގިލި ދިއްކުރެވިފައި ވަނީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިލް ސަލްމާނަށެވެ. ނަމަވެސް ސައުދީ ސަރުކާރުން ބުނާ ގޮތުގައި ޚަޝޯޤީ މަރާލާފައި ވަނީ މުހައްމަދަށް އެނގިގެންނެއް ނޫނެވެ.