ދުނިޔޭގެ ދެކުނު ތަނޑި އެންޓާޓިކާ އަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

ބިންހެލުންތަކާއި ސުނާމީތަކާ ބެހޭ އެމެރިކާގެ އިދާރާ، ޔޫއެސް ޖިއޮލޮޖިކަލް ސާވޭ އިން ބުނެފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ރެކްޓަ މިންގަނޑުން 7.5 ބާރުމިނުގައެވެ.

ޖިއޮލޮޖިކަލް ސާވޭ އިން އިތުރަށް ހާމަކޮށްފައިވާ ގޮތުން މި ބިންހެލުން އައިސްފައިވަނީ އެންޓާޓިކާގެ އަލިފާން ފަރުބަދަ ގިނަ ސަރަހައްދަކަށެވެ. ބިންހެލުން އައިސްފައިވާނީ ބްރިސްޓޯލް އައިލެންޑްގެ ބޭރުން 61 ކިލޯމީޓަރު ދުރަށް ކަޑުގެ 165 ކިލޯ މީޓަރު އަޑިއަށެވެ.

މި ބިންހެލުމާއި ގުޅިގެން ސަރަޙައްދީ އެއްވެސް ޤައުމަކަށް ލޮޅުންތައް އައިސްފައިވާ ކަމެއް އެނގިފައެއް ނުވެއެވެ. އަދި ބިންހެލުމުގެ ސަބަބުން މި ސަރަޙައްދުގައި ސުނާމީއެއް އުފެދިދާނެ ކަމުގެ ނުރައްކަލެއް އޮތް ކަމެއް، ޕެސިފިކް ސުނާމި ވާނިންގް ސެންޓަރުން އަދި ހާމައެއް ނުކުރެއެވެ.

އެންޓާޓިކާ އަށް މިއަދު ބާރުގަދަ ބިންހެލުމެއް އައިސްފައިވާއިރު އެމެރިކާގެ އަލަސްކާ އަށާއި ޕެސިފިކް ކަޑަށް މިދިޔަ ހަފްތާގައި ވަނީ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބާރުގަދަ ބިންހެލުންތައް އަންނަ ނިސްބަތް ފަހަކަށް އައިސް ވަނީ ވަރަށް ބޮޑަށް އިތުރުވެފއިވާއިރު ފަހުގެ ތާރިހެއްގައި ދުނިޔެ ދެކުނު އެންމެ ބާރުގަދަ ބިންހެލުމަކީ 2004 ވަނަ އަހަރު އިންޑޮނޭޝިއާގެ ސުމަޓްރާއަށް 9.0 ގެ ބާރުމިނުގައި އައި ބާރުގަދަ ބިންހެލުމެވެ. މިއީ 1900 ވަނަ އަހަރުން ސުރެ މިހާތަނަށް 5 ވަނައަށް އެންމެ ބާރުގަދަ ބިންހެލުމެވެ. މި ބިންހެލުމުގައި ދުނިޔޭގެ ހިގުމަށްވަނީ ބަދަލުތަކެއް އައިސްފައެވެ.

މި ބިންހުމުގައި މުޅި އޭޝިއާ ސަރަހައްދުން 250,000 ވުރެން ގިން މީހުން މަރުވެ އުފެދުނު ބިޔަ ސުނާމީގައި ބޮޑެތި ގެއްލުންތަކެއް ވިއެވެ.