ވަރުގަދަ މުޒާހަރާތަކަކަށް ފަހު ފްރާންސްގެ ރައީސް އެމަނުއެލް މެކްރޮން ދޫދީފިއެވެ.

ޓީވީ މެދުވެރިކޮށް ގައުމާ މުޚާތަބުކުރައްވަމުން ހަތަރު ހަފްތާ ވަންދެން ކުރިޔަށް ގެންދިޔަ ހަމަނުޖެހުން ބޮޑު މުޒާހަރާތަކަށްފަހު އެންމެ ފަހުން އެ ގައުމުގައި އަސާސީ މުސާރައިގެ ގޮތުގައި ދެވޭ އެންމެ ދަށްމިންވަރު ބޮޑުކޮށް، ނެގުމަށް ރޭވި ޓެކްސް ނެގުން މަޑުޖައްސާލި ކަމަށް ރައީސް އެމަނުއެލް މެކްރޮން ވަނީ ވިދާޅުވެފައެވެ.

ތެލުން ނަގާ ޑިއުޓީ ބޮޑުކުރުމާއި، ދިރިއުޅުމުގެ އަގުތައް މައްޗަށްދިއުމާއި، އަދި އެހެނިހެން މައްސަލަތަކާހުރެ ފްރާންސްގައި ޖެހިޖެހިގެން ހަތަރު ހަފްތާގެ ހަފްތާ ބަންދުގައި ވަނީ މުޒާހަރާކޮށްފައެވެ.

"ޔެލޯ ވެސްޓް"ގެ ނަމުން ނަންދީފައިވާ މި މުޒާހަރާގައި ބައިވެރިން ތިބީ ރީނދޫ ކުލައިގެ ޖެކެޓް ތަކެއް ލައިގެންނެވެ. މުޒާހަރާ ތަކުގައި އެތަށް ބަޔަކު ޒަހަމުވެ 1000 އަށް ވުރެން ގިނަ މީހުން ވަނީ ހައްޔަރުކޮއްފައެވެ. މެކްރޮންވަނީ މުޒާހަރާތަކުގައި ހިންގި ހަމަނުޖެހުންތައް ކުށްވެރިކުރައްވާފައެވެ.

ނަމަވެސް މެކަރޮން ވިދާޅުވީ މުޒާހަރާކުރި ފަރާތްތަކުގެ ނުރުހުމަކީ ފުން އަދި އެތައް ގޮތަކުން ބަލާއިރު ސައްހަ ޑިމާންޑްތަކެއްކަމަށެވެ.

މުޒާހަރާ ކުރަމުން ދިޔަ މީހުން މެކްރޮންގެ ގެކޮޅާއި ދިމާލަށް މިސްރާބު ޖެހުމުން އެކަން ހުއްޓުވުމުގެ ގޮތުން ފުލުހުން ވަނީ ކަރުނަގޭސް ބޭނުންކޮށްފައެވެ.

ޑީސަލުން ނަގާ ޓެކްސް ބޮޑުކުރުމަށް ސަރުކާރުން މަސައްކަތްކުރުމުން ފެށުނު މުޒާހަރާތައް މިހަފްތާ ބަންދުގައި ހޫނުވެދާނެ ކަމަށް ލަފާކޮށް، ޕެރިހުގައި ފަތުރުވެރިންގެ މަޤްބޫލުކަން ލިބިފައިވާ ބައެއް ތަންތަން ވަނީ ބަންދުކޮށްފައެވެ.

ފްރާންސްގައި މީހާރުވެސް ގިނައިން ބޭނުންކުރަމުން ދަނީ ޑީސެލް ބޭނުންކުރާ އުޅަނދުފަހަރެވެ. ފްރާންސްގައި މިހާރު ޑީސެލް ލީޓަރެއްގެ އަގު ހުރީ 1.51 ޔޫރޯއަށެވެ. މިއި ނިސްބަތުން ދުނިޔޭގެ ބާޒާރުގައި ޑީސެލްގެ އަގު ހުރި މިންވަރަށްވުރެ މަތީ އަގެކެވެ.

ކިޔުންތެރިންގެ ހިޔާލު