ދުނިޔޭގެ މަޝްހޫރު މަޖައްލާއެއްކަމުގައިވާ "ޓައިމް" އިން ހޮވި 2018 ވަނަ އަހަރުގެ ޝަހުސިއްޔަތުގެ މަޤާމު، އަނިޔާވެރި ގޮތަކަށް މަރާލާފައިވާ ސައުދީ އަރަބިއްޔާ އަށް އުފަން ނޫސްވެރިޔާ ޖަމާލް ޚަޝޯޤީ އަށް ލިބިއްޖެއެވެ. ޚަޝޯޤީއާއެކު، މި އަހަރު މަރާލާފައިވާ އަދި ގެއްލުވާލާފައިވާ ނޫސްވެރިންނަށްވެސް އަހަރުގެ ޝަހުސިއްޔަތުގެ މަޤާމު ލިބިފައިވެއެވެ.

ޚަޝޯޤީ އަކީ އެމެރިކާގެ މަޝްހޫރު ނޫހެއްކަމުގައިވާ "ވޮޝިންޓަން ޕޯސްޓް" އަށް ލިޔަމުން ގެންދިޔަ ކޮލަމިސްޓެކެވެ. ސައުދީގެ ރަސްކަމުގެ ކޮއިލު ތެރޭގެ ކަންކަމަށް ވަރަށް ބޮޑަށް ފާޑު ކިޔަމުން ދިޔަ ޚަޝޯޤީ މަރާލާފައިވަނީ އޮކްޓޯބަރ މަހުގެ ދެވަނަ ދުވަހު، ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓުގެ ތެރޭގައެވެ.

"އެންބީސީ" ގެ ޓުޑޭ ޝޯވ ގައި ޓައިމްގެ ޗީފް އެޑިޓަރު އެޑްވަޑް ފެލްސެންތަލް މިކަން ހާމަކޮށްފައިވާއިރު އޭނާ ބުނެފައިވަނީ ނޫސްވެރިންނަކީ ދުނިޔޭގެ ކަންކަމަށް އެންމެ ބޮޑަށް ނުފޫޒު ފޯރުވާފައިވާ އެންމެ އަޑުގަދަ ފަރާތްތައް ކަމުގައެވެ.

ޚަޝޯޤީ އަށާއި ހައްޔަރުކޮށްފައިވާ ނުވަތަ މަރާލާފައިވާ ނޫސްވެރިންނަށް އަހަރުގެ ޝަހުސިއްޔަތުގެ އެވޯޑު ލިބިފައިވަނީ ގިނަ ފަރާތްތަކަކާ ވާދަކޮށެވެ. އެގޮތުން، އިނގިރޭސިވިލާތުގެ ޕްރިންސް ހޭރީގެ އަންހެނުން އަދި ޑަޗެސް އޮފް ސަސެކްސް، މޭގަން މާކެލް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ރަޝިޔާގެ ރައީސް ވްލެޑްމިޔާ ޕޫޓިން، އެމެރިކާގެ ބޯޑަރުން ވަކިވެފައިވާ އާއިލާތައް އަދި ދެކުނު ކޮރެޔާގެ ރައީސް މޫން ޖައޭ-އިން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު