ޗައިނާ އިން ކެނެޑާގެ ކުރީގެ ޑިޕްލޮމޭޓެއް ހައްޔަރު ކޮށްފިއެވެ.

ޗައިނާއިން ކެނެޑާގެ ކުރީގެ ޑިޕޮލޮމެޓެއްކަމަށްވާ މައިކަލް ކޯވްރިގް ހައްޔަރުކޮށްފައި މިވަނީ ކެނެޑާއިން ޗައިނާގެ އެންމެ ބޮޑު އެއްކުންފުނި ކަމަށްވާ ވާވޭގެ ސީއެފްއޯ މެންގް ވަންޖޫ ހައްޔަރުކޮއްފައި ވަނިކޮށެވެ.

ޗައިނާ އާއި ކެނެޑާގެ ގުޅުން ގޯސްވެފައިވާއިރު ކެނެޑާގެ ކުރީގެ ޑިޕޮލޮމެޓް ހައްޔަރު ކުރުމާއި ގުޅޭގޮތުން ޗައިނާގާއި ހުންނަ ކެނެޑާ އެމްބަސީއިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޗައިނާ އިން ބުނީ އޭނާ ހައްޔަރުކޮށްފައި ވަނީ ޗައިނާގެ ގައުމީ ސަލާމަތައް ނުރައްކާ ވުމުން ކަމަށެވެ.

މައިކަލް އަކީ އިންޓަނޭޝަނަލް ކްރައިސިސް ގުރޫޕުގެ އެޑްވައިޒަރެއްގެ ގޮތުގައި މަސައްކަތް ކުރާ ކެނެޑާގެ ރައްޔިތެކެވެ.

ރިޕޯޓްތައް ބުނާގޮތުގައި އޭނާ ހައްޔަރު ކޮށްފައި ވަނީ އިއްޔެގެ ވަގުތެއްގައިއެވެ. ކޯވްރިގް ވަނީ ޑިޕޮލޮމެޓެއްގެ ގޮތުގައި ބެއިޖިންގެ އިތުރުން ހޮންކޮންގުގައި މަސައްކަތްކޮށްފައެވެ.

މައިކަލް ހައްޔަރުކުރުމާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދަމުންދާކަމަށާއި އޭނާ މިނިވަން ކުރުމަށް މަސައްކަތްކުރަމުންދާ ކަމަށް އޭނާ މަސައްކަތް ކުރާ އިންޓަނޭޝަނަލް ކްރައިސިސް ގުރޫޕުން ވަނީ ބުނެފައިއެވެ.

ޗައިނާއިން ކެނެޑާގެ ޑިޕްލޮމޭޓެއް ހައްޔަރު ކޮއްފައިވާއިރު އެމެރިކާގެ އެދުމުގެ މަތިން ކެނެޑާއިން ހައްޔަރު ކުރި ޗައިނާގެ ވާވޭ ކުންފުނީގެ ސީއެފްއޯ މެންގް ވަނީ މިހާރު ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. އޭނާ ދޫކޮށްލާފައިވަނީ ހައްޔަރު ކުރިތާ 10 ދުވަސް ފަހުންނެވެ. އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑުއެހުމެއް ދެން އޮންނާނީ އަންނަ އަހަރުގެ ފެބްރުއަރީގައެވެ. ވާވޭގެ ބާނީގެ އަންހެން ދަރިފުޅު ވެންޒޫ އެއާޕޯޓުން ހައްޔަރު ކުރީ މި މަހު 1 ވަނަ ދުވަހު އެވެ.

ޗައިނާ އިން ވަނީ ވަންޒޫ ހައްޔަރުކުރުމުން އެކަމާއި ހިތްހަމަ ނުޖެހުން ފާޅުކޮށް އޭނާ ދޫކޮށްލުމަށް ގޮވާލައިފަ އެވެ. އަދި އެއްވެސް ސަބަބެއް ނެތި މީހަކު ހައްޔަރުކޮށްފައި ބެހެއްޓުމަކީ އިންސާނިއްޔަތާ ޚިލާފު އަމަލެއް ކަމަށްވެސް ޗައިނާއިން ބުނެފައިވެއެވެ.