އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ޓެރީސާ މެއިގެ އިތުބާރުނެތް ކަމަށް ބުނެ އެކަމަނާގެ އަމިއްލަފުޅު ޕާޓީގެ ބައެއް މެންބަރުން ހުށަހެޅުއްވި މައްސަލަ ނާކާމިޔާބު ކޮށްލާ ޓެރީސާ މެއި އަނެއްކާވެސް ސިޔާސީ ގޮތުން ބޮޑު ކާމިޔާބެއް ތަކުރާރު ކުރައްވައިފިއެވެ.

އިތުބާރުނެތް ކަމުގެ ވޯޓުން މެއި ސަލާމަތްވީ 200 މެންބަރުންގެ ވޯޓް ހޯއްދަވައިގެންނެވެ. އެކަމަނާގެ މައްޗަށް އިތުބާރުނެތް ކަމަށް 117 މެންބަރުން ވޯޓް ދެއްވެވިއެވެ. އެހެންކަމުން ޤާނޫނު ހަދާ މަޖިލީހުގައި ޕާޓީ ތަމްސީލް ކުރައްވާ މެންބަރުންގެ ތެރެއިން ކޮންޒަވޭޓިވް ޕާޓީގެ 63 އިންސައްތަ މެންބަރުންގެ އިތުބާރު މެއި އަށް އެބައޮތެވެ.

ވޯޓްގެ ކުރިން މެންބަރުންނާއި ވާހަކަފުޅު ދައްކަވަމުން މެއި ވިދާޅުވީ ދެން އޮންނަ އާންމު އިންތިޚާބުގައި އެކަމަނާ ވާދަ ނުކުރައްވާނެ ކަމަށެވެ. އިނގިރޭސިވިލާތުގެ އާންމު އިންތިޚާބު ދެން އޮންނާނީ 2022 ވަނަ އަހަރު އެވެ.

މިވޯޓުން މެއި ބަލިވި ނަމަ އެކަމަނާއަށް ޕާޓީގެ ލީޑަރުކަން ގެއްލޭނެއެވެ. ޕާޓީގެ ލީޑަރުކަން ގެއްލުނު ނަމަ ބޮޑުވަޒީރު ކަމުން ވަކިވާނެއެވެ.

މެއިގެ މައްޗަށް އިތުބާރު ނެތް ކަމަށް ބުނެ މައްސަލައެއް ހުށަހެޅީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުގެ މަސައްކަތް ކުރުމަށް މެއި ގެންގުޅުއްވާ ސިޔާސަތު ކަމުނުގޮސްގެންނެވެ.

ޕާޓީ މެންބަރުންގެ އިތުބާރު މެއި އަށް އޮތް ކަމަށް ފާސް ކުރުމުން ޑައުނިން ސްޓްރީޓްގައި ނޫސްވެރިންނާއި ބައްދަލު ކުރައްވާ މެއި ވިދާޅުވީ "މިއަދަކީ ވަރަށް ދިގު، ވަރަށް ގޮންޖެހުން ބޮޑު ދުވަހެއް." ކަމަށެވެ.

އަމިއްލަ ޕާޓީގެ ގިނަ މެންބަރުންތަކެއް އެކަމަނާ އާއި ދެކޮޅަށް ވޯޓް ދެއްވިކަން އެނގިވަޑައިގަންނަވާ ކަމަށާއި ނަމަވެސް އެމެންބަރުންގެ އަޑު ވެސް އައްސަވާނެ ކަމަށް މެއި ވިދާޅުވިއެވެ.

މެއި އަށް މިރޭ މަގާމު ގެއްލުނު ނަމަ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުގެ ކަންކަން އަނެއްކާވެސް ބޮޑު އޮޅުންބޮޅުން ގަނޑެއްގެ ތެރެއަށް ގޮސް އިތުރު މައްސަލަތަކެއް ކުރިމަތިވީސް ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ. ނަމަވެސް މެއި އަށް އިތުބާރު އޮތް ކަމަށް ފާސްވުމުން އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމުގެ ކަންކަން ދެން ވަރަށް އަވަހަށް ނިމިގެން ހިނގައިދާނެ ކަމަށް ތަޖުރިބާކާރުން ވިދާޅުވެއެވެ.