އަވައްޓެރި ސްރީލަންކާގެ ފަރުބަދަ މަތީ އަވަށެއް ކަމަށްވާ އެއްލާގައި ވޭނެއް ފަރުބަދަ މަތިން ފުރޮޅާލައިގެން ވެއްޓި ބަޔަކަށް އަނިޔާ ވެއްޖެއެވެ.

ރޭ 20:25 ހާއިރު މިހާދިސާ ހިނގީ އެލާގެ އެއްލާ-ވެއްލަވަޔާ ރޯޑްގައެވެ. ވޭން ފުރޮޅާލައިގެން 200 މީޓަރު ތިރިއަށް ވެއްޓުނު ކަމަށް ލަންކާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. މިހާދިސާގައި ނުވަ މީހަކަށް ވަނީ އަނިޔާ ވެފައެވެ.

އަނިޔާވި މީހުންނަށް ފަރުވާ ދިނުމަށް ރޭ ބަދުއްލާ އާއި ދިޔަތަވަލަވާ އަށް ގެންދެވުނެވެ. އަދި ތިން މީހެއްގެ ހާލު ސީރިއަސް ވުމުން އެތިން މީހުން މިހާރު ވަނީ ކެންޑީ ހޮސްޕިޓަލަށް ބަދަލު ކޮށްފައެވެ.

ފުލުހުން ބުނީ އެކްސިޑެންޓްގެ މައުލޫމާތު ލިބިފައިވާ ކަމަށާއި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބުން ހޯދުމަށް ތަޙްޤީޤު ކުރަމުން ގެންދާ ކަމަށެވެ.

އެއްލާ އަކީ ލަންކާއަށް ޗުއްޓީ ހޭދަކުރުމަށް ދަތުރުކުރާ ދިވެހިންގެ މެދުގައި ވެސް ވަރަށް މަގުބޫލް މަންޒިލެކެވެ. ފަރުބަދަ މަތީގައި އޮންނަ އެއްލާގެ ވަށައިގެން އޮންނަ ފަރުބަދަތަކުގެ މަންޒަރުތައް ބަލާލަށް ކޮންމެ އަހަރަކު ވެސް އެތައް ލައްކަ ބަޔަކު ޒިއާރަތް ކުރެއެވެ.

އެސަރަހައްދަށް ދަތުރު ކުރާ މަގުތަކަކީ ފަރުބަދަތަކުގެ އަރިމަތީގައި ހަދާފައި ހުންނަ ފުދޭވަރަކަށް ހަނި މަގުތަކަކަށް ވާތީ ޑްރައިވަރަށް ކުޑަކުޑަ ގޯހެއް ހެދުނު ނަމަވެސް ނުރައްކާތެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮވެއެވެ.

މިއީ އަހަރީ ޗުއްޓީ ގައި ގިނަ ބަޔަކު ލަންކާ އަށް ދަތުރުކުރާ ދުވަސް ވަރަކަށް ވާތީ މިހާރު އެއްލާ އަށް ދަތުރުކުރާ މީހުންގެ އަދަދު ވެސް ވަނީ އިތުރުވެފައެވެ.

ވޯޓާފޯލްތަކާއި ތާރީޚީ ގިނަ ބިނާތަކެއް ވެސް ހުންނަ އެއްލާ އަކީ ކަނޑުގެ ލޮނުގަނޑަށް ވުރެ 1041 މީޓަރު އުހުގައި އޮންނަ އަވަށެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ހަސަނު

    ކޮންކަމަކަށް ފުދޭ ވަރަކަށް ހަނި މަގުތަކެއް ތޯ؟