އަވަށްޓެރި ސްރީ ލަންކާގެ ބޮޑުވަޒީރުގެ ކަމުގެ މަޤާމުގައި ހުންނެވި އެޤައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ އިސްތިއުފާ ދެއްވުމަށް ނިންމަވައިފިއެވެ. މިކަންވަނީ އޭނާގެ ފަރާތްޕުޅުން ކަށަވަރުވެސް ކޮށްދެއްވާފައެވެ.

ރާޖަޕަކްސަގެ ދަރިކަލުން އަދި އެޤައުމުގެ ސިޔާސީ ފަރާތެއްކަމުގައިވާ ނަމަލް ރާޖަޕަކްސަ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ރާޖަޕަކްސަ، ލަންކާގެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައިވަނީ ޤައުމުގެ ހަމަޖެހުމަށްޓަކައިކަމަށެވެ.

"ޤައުމުގެ ހަމަޖެހުން ޔަޤީން ކުރުމަށްޓަކައި، ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ވަނީ މާދަމާ ޤައުމާ މުޚާޠަބު ކުރެއްވުމަށްފަހު މަޤާމުން އިސްތިއުފާ ދެއްވުމަށް ނިންމަވާފައި." ނަމަލްގެ މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވިއެވެ.

ނަމަލްގެ ޓްވީޓުގައި އޭނާ އިތުރަށް ވިދާޅުވީ ރާޖަޕަކްސްގެ ޕާޓީ، ސްރީ ލަންކާ ޕޮޑުޖަނާ ޕެރަމުނާ (އެސްއެލްޕީޕީ) އާއި ސްރީ ލަންކާގެ ފްރީޑަމް ޕާޓީ އިން ރައީސްކަމުގެ މަޤާމުގައި ހުންނެވި މައިތިރިޕާލާ ސިރިސޭނާއާއެކު ކޯލިޝަން އިތުރަށް ވަރުގަދަ ކުރެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައެވެ.

ބޮޑުވަޒީރުކަމަށް ރާޖަޕަކްސަ އައްޔަން ކުރައްވާފައިވަނީ ކުރިން އެމަޤާމުގައި ހުންނެވި ރަނިލް ވިކްސަރަމަސިންހަގެ ޕާޓީއާއެކު ސިރިސޭނާގެ ޕާޓީން ހަދާފައިވާ ކޯލިޝަން ރޫޅާލުމަށްފަހުއެވެ. މިކަންތައްތަކަށްފަހު އެޤައުމުގެ ސިޔާސީ މަޝްރަހު ވަރަށް ބޮޑަށް ހަލަބޮލިވެގެން ދިޔައެވެ. އެގޮތުން، އެޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ މަސައްކަތްތައް ސަސްޕެންޑް ކުރުންވެސް ހިމެނެއެވެ.

ލަންކާގައި އުފެދިފައިވާ ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން އެޤައުމުގެ އިޤުތިޞާދުވެސް ދަނީ ހީނަރުވަމުންނެވެ.