އަވަށްޓެރި އިންޑިޔާގެ މައިސޫރުގައި ހުންނަ ހިންދޫ އިންގެ ފައްޅިއަކުން ބެހި ބަތް ތަށިތަކެއް ކެއުމުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މަރުވެއްޖެއެވެ. މީޑިޔާ ރިޕޯޓުތައް ބުނާގޮތުގައި މަރުވެފައިވަނީ 11 މީހުންނެވެ.

ދެކުނުގެ ކަރްނާޓަކާ ސްޓޭޓުގައި އޮންނަ މައިސޫރުގެ ފައްޅިއެއްގައި މިކަން ހިނގާފައިވާއިރު، ބަތް ކޭ އިތުރު 29 މީހެއްގެ ހާލު ސީރިޔަސްވެގެން އެމަޖެންސީގައި އެކި ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުންދާކަމަށްވެސް މީޑިޔާ ރިޕޯޓުތައް ބުނެއެވެ. ހަމައެހެންމެ، އިތުރު 93 މީހަކަށް ހޮސްޕިޓަލުން ފަރުވާ ދީފައިވެއެވެ.

ކިޗުއްކަޓީ މަރައްމާ ނަމަކަށް ކިޔާ ފައްޅިއެއްގައި ކޮންމެވެސް މުނާޞަބަތެއް ފާހަގަކުރަން ގިނަ އަދަދެއްގެ ބަޔަކު ޖަމާވިއިރު، މިކަން ހިނގާފައިވަނީ އިއްޔެގެ ވަގުތެއްގައިކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިކަން ހިނގާފައިވާ ސަރަޙައްދުގެ ހެލްތު އޮފިސަރު، މީޑިޔާ އަށް މައުލޫމާތު ދެމުން ބުނެފައިވަނީ މިކަން ހިނގާފައިވަނީ ފައްޅިއަށް އަޅުކަން ކުރަން ދިޔަ މީހުންނަށް ދިން ބަތަށް ވިހަ މާއްދާއެއް އެޅިގެންކަމަށެވެ. އަދި، މިކަމުގެ ހަޤީޤީ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތައް ކުރުމަށް ފޮނުވާލާފައިވާކަމަށްވެސް ބުނެފައިވެއެވެ.

ފައްޅިއަށް ކާން ދިޔަ މީހަކު "އެންޑީޓީވީީ" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ ފައްޅިން ކާން ދިން ބަތުގައި ކޮންމެވެސް ޒާތެއްގައި ނުބައި ވަހެއް ހުރިކަމަށެވެ.

ކަރްނާޓަކާގެ ޗީފް މިނިސްޓަރު ބުނެފައިވަނީ މިކަމުގެ ސަބަބުން ގެއްލުން ލިބުނު ފަރާތްތަކަށް 500،000 އާއި 7000 ރުޕީސްއާ ދެމެދުގެ ބަދަލެއް ދޭނެކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނާހިދާ

    ދެއް ތިޔަ ނުލަފާ އިންޑިޔާ މީހުންދޭ ބަތުން މަރުވާނީ ދިވެހި ނިކަމެތި ޔައްޔަތުން