ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިޒްރާއިލުގެ ވެރިރަށުގެ ގޮތުގައި ހުޅަނދު ޤުދުސް ހަމަޖައްސަން، އޮސްޓްރޭލިޔާ އިން ނިންމި ނިންމުން ބަހުރައިންގެ ފޮރިން މިނިސްޓަރު ޚާލިދު ބިން އަޙުމަދު އަލް ޚަލީފާ ދިފާޢު ކުރައްވައިފިއެވެ.

އޮސްޓްރޭލިޔާގެ ބޮޑުވަޒީރު، ސްކޮޓް މޮރިސަން އިއްޔެ ވިދާޅުވީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމާފައިވާ ގޮތަށް، އޮސްޓްރޭލިޔާ އިންވެސް އިޒްރާއިލުގެ ވެރިރަށުގެ ގޮތުގައި ހަމަޖައްސަން ނިންމާފައިވަނީ ހުޅަނގު ޤުދުސްކަމުގައެވެ.

މިކަމާ ގުޅިގެން އަރަބި ލީގުން ނެރެފައިވާ ނިންމުމާ ދެބަސްވުމަށްފަހު ބަހުރައިންގެ ފޮރިން މިނިސްޓަރު ވިދާޅުވީ އޮސްޓްރޭލިޔާގެ ސަރުކާރުން އެފަދަ ގޮތަކަށް ނިންމާފައިވީކަމުގައިވިޔަސް، އެކަމުގެ ސަބަބުން ފަލަސްތީނަކީ މިނިވަން ދައުލަތެއްގެ ގޮތުގައި އޮތުމަށް ދެކެމުންދާ ހުވަފެންތަކަށް ހުރަސް ނޭޅޭކަމަށެވެ. އަދި އިރުމަތީ ގުދުސް އަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި ހަމަޖެހިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އޮސްޓްރޭލިޔާގެ ނިންމުން، ފަލަސްތީނުގެ އެދުންތަކާ ތައާރުޒު ނުވޭ، އޭގެތެރެއިން ފުރަތަމަ ކަމަކީ ފަލަސްތީނުގެ ވެރިރަށުގެ ގޮތުގައި އިރުމަތީ ޤުދުސް އަދި މިއީ އަރަބީންގެ ސުލްހައިގެ އެއްބަސްވުމާ ޚިލާފު ކަމެއްވެސް ނޫން." ފޮރިން މިނިސްޓަރު ވިދާޅުވިއެވެ.

ފަހަކަށް އައިސް ބަހުރައިންގެ ފޮރިން މިނިސްޓަރު ދަނީ އިޒްރާއިލާ އެއްކޮޅަށް ވާހަކަ ދައްކަވަމުންނެވެ. އެގޮތުން، އިޒްރާއިލަށް އެޤައުމު ސަލާމަތް ކުރުމުގެ ފުރިހަމަ ހައްގު ލިބިގެންވާކަމަށްވެސް ވިދާޅުވެފައިވެއެވެ. ހަމައެހެންމެ، އިޒްރާއިލާ ދެކޮޅު ބައެއް އަމަލުތައް ކުށްވެރިކުރައްވާފައިވެސްވެއެވެ.

މިދިޔަ އަހަރުގެ ތެރޭގައި އެމެރިކާ އިން، ހުޅަނގު ގުދުސަކީ އިޒްރާއިލުގެ ވެރިރަށްކަމުގައި ނިންމުމުން އެތައް ޤައުމަކުން އެކަން ކުށްވެރި ކޮށްފައިވެއެވެ. އަދި އެކަން ކުށްވެރިކޮށް އދ.ގައި ވޯޓުތައްވެސް ނަގާފައިވެއެވެ. އެކަމާ ގުޅިގެން އދ. އިން ބުނެފައިވަނީ މި މައްސަލަ ހައްލު ކުރަން ޖެހޭނީ ވާހަކަ ދައްކައިގެންކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އާދަނު

    މިކަހަލަ ބައިކުޅަބައި މުސްލިމުން އުޅޭތީ ހުރިހާވެސް މައްސަލަ އަކީ.

  2. ބުއްޅަބޭ

    އަރަބިންނަކަށް އަދި ފަލަސްތީނަކަށްވެސް ޗޮއިސް އެއްނެތް!