ރަނިލް ވިކްރަމަސިންހް އަލުން އިއްޔެ ބޮޑުވަޒީރު ކަމަށް އައްޔަން ކުރީ މަޖުބޫރު ވެގެން ނޫންކަމަށާއި އެއީ ޑިމޮކްރަސީގެ އުސޫލުތަކަށް އިހްތިރާމް ކުރުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް ލަންކާގެ ރައީސް މަތިރިޕައްލަ ސިރިސޭނަ ވިދާޅުވެއްޖެއެވެ.

ރަނިލްއަށް ބޮޑުވަޒީކަން ނުދެއްވާނެ ކަމަށް ތަކުރާރުކޮށް އެތައް ފަހަރަކު ވިދާޅުވުމަށް އިއްޔެ ސިރިސޭނަ ވަނީ ރަނިލް ބޮޑުވަޒީރު ކަމަށް އައްޔަން ކޮށްފައެވެ. ރަނިލް ބޮޑުވަޒީރު ކަމަށް އައްޔަން ކުރީ ލަންކާގެ ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު އެހެން ބޭފުޅަކަށް ލިބޭނެ ގޮތެއް ނެތުމުންނެވެ.

"ޤާނޫނު ހަދާ މަޖިލީހަށް އޮތް ބާރެއް ނޫން ބޮޑުވަޒީރު އައްޔަން ކުރުން އެއީ. ނަމަވެސް ޤާނޫނު ހަދާ މަޖިލީހުން ފާސްކުރި ގޮތައް ރަނިލް އަށް ބޮޑުވަޒީރު ކަން ދޭން އަޅުގަނޑު ނިންމީ ޤާނޫނު ހަދާ މަޖިލީހުން ޒަމާންތަކެއް ވަންދެން އަމަލު ކުރަމުން އައި އާދަކާދައަށާއި ޑިމޮކްރަސީގެ އުސޫލުތަކަށް އިހްތިރާމް ކުރުމުގެ ގޮތުން." ސިރިސޭނަ ވިދާޅުވިއެވެ.

ރަނިލް އަށް ޤާނޫނު ހަދާ މަޖިލީހުގެ 225 މެންބަރުންގެ ތާއިދު އެބައޮތެވެ. ކުރީގެ ރައީސް މަހިންދްރަ ރާޖަޕަކްސަ އާއި ސިރިސޭނައަށް ގުޅިގެން ވެސް ހޯދުނީ ޤާނޫނު ހަދާ މަޖިލީހުގެ 117 މެންބަރުންގެ ތާއީދެވެ.

ސިރިސޭނަ އިއްޔެ ވެސް ވިދާޅުވީ ލަންކާ އަށް ދިމާވެފައިވާ ސިޔާސީ މައްސަލަތަކަށް އެންމެ އަވަސް ހައްލެއް ލިބެން އޮތީ އާންމު އިންތިޚާބެއް ބާއްވައިގެން ކަމަށެވެ.

އާންމު އިންތިޚާބެއް ބޭއްވުމަށް މަގުފަހި ކުރުމަށްޓަކައި ސިރިސޭނަ މިދިޔަ މަހު ޤާނޫނު ހަދާ މަޖިލިސް އުވާލިއެވެ. ނަމަވެސް ލަންކާގެ ސުޕްރީމް ކޯޓުން ނިންމާފައި ވަނީ ސިރިސޭނަ ޤާނޫނު ހަދާ މަޖިލިސް އުވާލީ ޤާނޫނު އަސާސީ އާއި ހިލާފަށް ކަމަށާއި ޤާނޫނު ހަދާ މަޖިލިސް ކުރިއެކޭ ވެސް އެއްގޮތައް ދެމި އޮންނާނެ ކަމަށެވެ.