ޖަޕާނުގެ ކަގޯށީމާ ޕްރޮފެކްޗަރ ގައި ހުރި "މައުންޓް ސިކަންޑޭ" އަލިފާން ފަރުބަދަ ގޮވައިފިއެވެ.

މި އަލިފާން ފަރުބަދަ ގޮވާފައި މި ވަނީ ޖެހި ޖެހިގެން މި ހަފްތާގެ ތިން ދުވަހު ދުނިޔޭގެ ތިން އަލިފާން ފަރުބަދައެއް ގޮވާފައިވަނިކޮށެވެ. މިދިޔަ އާދިއްތަ ދުވަހު އިންޑޮނޭޝިޔާގެ އަލިފާން ފަރުބަދައެއް ގޮވާފައިވާއިރު ޖެހިގެން އައި ދުވަހު މެކްސިކޯގެ އަލިފާން ފަރުބަދައެއް ވަނީ ގޮވާފައެވެ.

ޖަޕާނުގެ އަލިފާން ފަރުބަދަ ގޮވުމާއި އެކު 2000 މީޓަރަށް އަޅިއާއި ދުން މައްޗަށް އެރިއިރު ފަރުބަދަ ގޮވަން ފެށުމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ވެފައި ނުވެއެވެ. ނަމަވެސް ފަރުބަދައިން ނުކުންނަ ދުމާއި އަޅީގެ އަސަރު ވަނީ މީހުން އުޅޭ ސަރަހައްދުތަކަށް ކޮށްފައެވެ.

ޖަޕާނުގެ މީޓިއޮރިޖިކަލް ސެންޓަރުން ވަނީ ޓުއަރިސްޓުގެ މެދުގައި މަގުބޫލު އެ ފަރުބަދަ ގޮވަން ފެށުމާ އެކު ތިން ވަނަ ދަރަޖައިގެ ރަތް އެލާޓް ނެރެފައެވެ.

މި ފަރުބަދަ ގޮވުމުގެ ސަބަބުން ރައްކާތެރި ހިސާބުތަކަށް މީހުން ބަދަލުވާން ފަށާފައިވާއިރު، މިއަހަރުގެ އޭޕްރީލް މަހު ފަރުބަދަ ހުންނަ ސަރަހައްދަށް ވަނީ ބާރުގަދަ ބިންހެލުންތަކެއް އައިސްފައެވެ. ނަމަވެސް ފަރުބަދަ ގޮވުމަށް މެދުވެރިވީ އެ ބިންހެލުންތަކެއް ކަމެއް އަދި ސާފު ނުވެއެވެ.

އިންސާނީ ދަރިފަސްކޮޅަށް ގެއްލުންވާފަދަ ސުޕަ ވޮލްކޯނޭ އެއް ގޮވަނީ ކޮންމެ 100000 އަހަރަކުން އެއް ފަހަރު އެވެ. ސައިންވެރިން ލަފާ ކުރާ ގޮތުގައި މި ފަދަ އަލިފާން ފަރުބަދައެއް ގޮވައިފި ނަމަ މުޅި ދުނިޔޭގެ ބޮޑު ސަރަހައްދެއް ބަނޑަށް ޖެހި ދުނިޔެ އާދަޔާ ހިލާފަށް ފިނި ގަދަވެގެން ދާނެ އެވެ. ސަބަބަކީ ފަރުބަދައިން ނިކުންނަށް އަޅީގެ ދުމުން ދުނިޔެއަށް އިރުގެ އަލިކަން ނުލިބޭނެތީއެވެ.