ރާއްޖޭގެ ދެކުނުން ދެކުނު އިންޑިއާ ކަނޑުގައި ބާރުގަދަ ތޫފާނެއް އުފެއްދިޖެއެވެ.

"ކެނެނަންގާ" ގެ ނަމުން ނަން ދީފައިވާ މި ތޫފާން އުފެދުފައިވަނީ ރާއްޖޭގެ ދެކުނުން އެމެރިކާގެ އަސްކަރީ މަރުކަޒެއް އޮންނަ ޑިއޭގޯ ގާސިއާގެ ބޭރުން 800 މޭލުން ދުރުންނެވެ.

ގަޑިއަކު 132 ކިލޯމީޓަރުގެ ބާރު މިނުގައި ވައި ގަދަވާނެ ކަމަށް ބެލެވޭ މި ތޫފާނު ދަތުރު ކުރަމުންދަނީ ރާއްޖެ އާއި ދުރަށް އިންޑިއާ ކަނޑުގައި އޮންނަ ޖަޒީރާ ގައުމެއް ކަމަށްވާ މަޑަގަސްކަރައާއި ދިމާލަށެވެ.

އެހެންކަމުން މިތޫފާނުގެ ސީދާ އަސަރެއް ރާއްޖެއަކަށް ނުކުރާނެއެވެ.

ރާއްޖެ އާއި ދުރުން ދެކުނު އިންޑިއާ ކަނޑުގައި ބާރުގަދަ ތޫފާނެއް އުފެދިފައިވާއިރު ރާއްޖޭގެ އުތުރުން ބޭ އޮފް ބެންގާލްގައި ބާރުގަދަ ތޫފާނެއް އުފެދި އިންޑިއާއަށް މިހާރު ވަނީ އަރާފައެވެ.

ރިޕޯޓުތަށް ބުނާ ގޮތުން " ޕެތައި" ގެ ނަމުން ނަންދީފައިވާ މި ތޫފާނާއި ގުޅިގެން މިހާތަނަށް ދެ މީހަކު މަރުވެފައި ވާއިރު އިންޑިއާގެ އަންދުރަ ޕްރަދޭސް އަދި ޓަމިލް ނާޑޫވަނީ ވަނީ ކުއްލި ހާލަތަށް ގެނެސްފައެވެ.

ތޫފާނުގައި ގަޑިއަކު 160 މޭލު ބާރު މިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށާއި އަދި ތޫފާން އުފެދިފައިވާ ސަރަހައްދުގެ އުދަ ބާނިތަށް ބޮޑު ވާނެތީ މަސްވެރިކަން ކުރާ ފަރާތްތަށް ވެސް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.

އިންޑިއާށް އާންމުކޮށް ކޮންމެ އަހަރަކުވެސް ތޫފާންތަށް އަރައެވެ. އެގޮތުން މިދިޔަ ނޮވެންބަރު މަހު ބޭ އޮފް ބެންގާލް ގައި އުފެދުނު ބާރުގަދަ ތޫފާން "ގާޖާ" އިންޑިއާގެ ޓެމިލް ނާޑޫއަށް އަރައި، 45 އަށް ވުރެން ގިނަ މީހުން ވަނީ މަރުވެފައެވެ.