ސްރީލަންކާގެ އުތުރަށް ގަދައަށް ވިއްސާރަކުރުމުގެ ސަބަބުން ހަތަރު އަވަށެއްގައި ބޯކޮށް ފެންބޮޑުވެ އެތައް ހާސް ބަޔަކު ހާލުގައި ޖެހިއްޖެއެވެ.

ފެންބޮޑުވުމުގެ ހާދިސާތަކުގެ ސަބަބުން 14000 އާއިލާއަކުން 45000 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހިފައިވައެވެ.

ސްރީލަންކާގެ ޑިޒާސްޓާ މެނޭޖްމަންޓްއިން ވިދާޅުވާ ގޮތުގައި 52 ވެލްފެއާ ކޭމްޕެއްގައި 8500 އަށް ވުރެއް ގިނަ މީހުން ވަގުތީ ހިޔާވަހިކަން ހޯދަމުން އެބަދެއެވެ.

ފެންބޮޑުވުވުމުގެ ހާދިސާގައި މީހަކު މަރުވި ކަމެއް ނޫނީ އަގެއްލިފައިވާކަމުގެ އެއްވެސް ރިޕޯޓެއް އަދި ލިބިފައި ނުވާކަމަށް ޑިޒާސްޓާ މެނޭޖުމެންޓް ސެންޓަރުން މައުލޫމާތު ދެއެވެ.

ޑިޒށާސްޓާ މެނޭޖުމެންޓުން ވިދާޅުވާ ގޮތުގައި ހާލުގައި ޖެހިފައި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ ބައެއް އިދާރާތައް ގުޅިގެން އަންނަނީ ހަރަކާތްތެެރިވަމުންނެވެ. ރެސްކިއު މިޝަންގައި ހަރަކާތްތެރިވަމުންދަނީ ސްރީލަންކާ ނޭވީއާއި އަސްކަރިއްޔާގެ ސިފައިން ކަމަށް މައުލޫމާތު ލިބެއެވެ.

ފެންބޮޑުވުމުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް ވަގުތުން ވަގުތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް، ސްރީލަންކާގެ ރައީސް މައިތްރިޕާލަ ސިރިސޭނާ ވަނީ އަންގަވާފައެވެ.

ސްރީލަންކާގައި ފެންބޮޑުވެ 45000 މީހުން ހާލުގައި ޖެހިފައިވާއިރު އިއްޔެ އިންޑޮނޭޝިއާއަށް އެރި ސުނާމީގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ އެތައް ބަޔަކު ވަނީ ހާލުގައި ޖެހިފައެވެ.

ކިޔުންތެރިންގެ ހިޔާލު