އިސްރާއިލްގެ ކޯލިޝަން ސަރުކާރުގެ އެތެރޭގައި އުފެދިފައިވާ ހިޔާލުތަފާތުވުންތަކަށް ހައްލެއް ނުލިބުމުން ޤާނޫނު ހަދާ މަޖިލިސް އުވާލާ އަވަސް އިންތިޚާބެއް ބާއްވަން ކޯލިޝަންގެ ބައިވެރިން އެއްބަސްވެއްޖެއެވެ.

އިސްރާއިލްގެ ހައްދުފަހަނައަޅާފައިވާ އަނިޔާވެރި ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އިއްޔެ ވަނީ ކޯލިޝަންގެ ބައިވެރިންނާއި އެކު މަޝްވަރާ ކުރުމަށް ފަހު އަވަސް އިންތިޚާބެއް ބާއްވަން ނިންމާފައި ކަމަށް އޭނާގެ ތަރުޖަމާން ވަނީ މީޑިއާގައި ކަށަވަރު ކޮށްދީފައެވެ.

ނަތަންޔާހޫގެ ސަރުކާރުގެ ތެރޭގައި ޚިޔާލު ތަފާތުވުންތައް އުފެދުނީ ދާދިފަހުން ޣައްޒާގައި ހިންގަން ފެށި އަސްކަރީ އޮޕަރޭޝަން ހުއްޓާލުމުންނެވެ.

މިހާރު ބޮޑުވަޒީރު ކަމުގެ ހަތަރު ވަނަ ދައުރެއް ފުރިހަމަ ކުރަމުން ގެންދާ ނަތަންޔާހޫ އަށް އެންމެ ފަހުން ބޭއްވި އިންތިޚާބުގައި އަޣުލަބިއްޔަތު ނުލިބުމުން އެކުލަވަލާފައި ވަނީ ކޯލިޝަން ސަރުކާރެކެވެ. އޭނާގެ ދައުރު ހަމަވެ އިންތިޚާބު ދެން ބާއްވަން ޖެހޭނީ 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުއެވެ. ނަމަވެސް މިހާރު ނިންމާފައި ވަނީ އޭޕްރިލް މަހު އިންތިޚާބު ބާއްވަންށެވެ. އާސަރުކާރު ވެރިކަމާއި ހަވާލުވަންދެން ނަތަންޔާހޫގެ ސަރުކާރު ދެމިއޮންނާނެއެވެ.

އާއިންތިޚާބަކާއި ކުރިމަތިލާއިރު ނަތަންޔާހޫގެ މައްޗަށް ވަނީ ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވިފައެވެ. އޭނާގެ މައްޗަށް ދައުވާ އުފުލުމަށް ފުލުހުން ފޮނުވާފައިވާ މައްސަލައެއް އެޓާނީ ޖެނެރަލްގެ އޮފީހުގައި އެބައޮތެވެ.

އިސްރާއީލް މީހުންގެ މެދުގައި އަދިވެސް ނަތަންޔާހޫ އަކީ ވަރަށް މަގުބޫލް މީހެކެވެ. ނަމަވެސް އިދިކޮޅު ލިކޫދް ޕާޓީ އިން ވެސް އިންތިޚާބު ކާމިޔާބު ކޮށްފާނެ ކަމަށް ބައެއް ރިޕޯޓަރުން ލަފާކުރެއެވެ.

ނަތަންޔާހޫ އިސްރާއިލްގެ ބޮޑުވަޒީރުކަން ފުރަތަމަ ކުރީ 1996 ވަނަ އަހަރުން 1999 ވަނަ އަހަރަށެވެ. ދެން އޭނާ ބޮޑުވަޒީރުކަމަށް އެނބުރި އައީ 2009 ވަނަ އަހަރު އެވެ. މިހާރު ނަތަންޔާހޫ ބޮޑުވަޒީރުކަން ކުރަމުން އެގެންދަނީ 2015 ވަނަ އަހަރުގެ މެއި މަހުން ފެށިގެންނެވެ.

ކިޔުންތެރިންގެ ހިޔާލު