ބާރުގަދަ ބިންހެލުމަކާއެކު މަޝްހޫރު "މައުންޓް އެތީނާ" ގޮވައިފިއެވެ.

އިޓަލީގެ 11000 ހާސް ފޫޓް ހުސް އެތީނާ ފަރުބަދަ ގޮވާފައި މިވަނީ ރެކްޓަ މިންގަނޑުން 4.0 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމަކާ އެކުގައެވެ. މިފަރުބަދައަށް ވޭތުވެދިޔަ 24 ގަޑިއިރު ތެރޭވަނީ 130 އަށް ވުރެން ގިނަ ލޮޅުން އަރާފައެވެ.

އެތީނާ އަލިފާން ފަރުބަދަ ގޮވުމާއެކު އެތަށް ހާސް މީޓަރަކަށް އަޅި އަދި ދުން، މައްޗަށް އެރިއެވެ. އެހެންނަމަވެސް، ފަރުބަދަ ގޮވަން ފެށުމާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކަށް ގެއްލުމެއް ވެފައިއެ ނުވެއެވެ. ނަމަވެސް ފަރުބަދައިން ނުކުންނަ ދުމާއި އަޅީގެ އަސަރު ވަނީ މީހުން އުޅޭ ސަރަހައްދުތަކަށް ކޮށްފައެވެ.

އެތީނާ ފަރުބަދަ އަށް މިދިޔަ ފެބްރުއަރީ މަހުން ފެށިގެން ދިޔައީ ކުދި ބިންހެލުންތައް އަންނަމުނެވެ. މިއާއެކު މި އަލިފާން ފަރުބަދަ ގޮވާފާނެ ކަމުގެ އިންޒާރު އެގައުމުގެ ކަމާއި ބެހޭ ފަރާތްތަކުން މީގެ ކުރިންވެސް ވަނީ ދީފައެވެ.

މިދިޔަ އަހަރު ވެސް މި އަލިފާން ފަރުބަދަ ވަނީ ގޮވާފައެވެ. އެފަހަރު 10 މީހުން ޒަހަމުވި އިރު އެއްވެސް މީހަކު މަރުވެފައެއް ނުވެއެވެ.

އިޓަލީގެ އަލިފާން ފަރުބަދައެއް ގޮވާފައި މިވަނީ މިދިޔަ އާދިއްތަ ދުވަހު އިންޑޮނޭޝިއާގެ އަލިފާން ފަރުބަދައެއް ގޮވާ އުފެދުނު ސުނާމީއެއް އެގައުމަށް އަރައި 429 އަށް ވުރެން ގިނަ މީހުން މަރުވެފައި ވަނިކޮށެވެ.

އިންސާނީ ދަރިފަސްކޮޅަށް ގެއްލުންވާފަދަ "ސުޕަ ވޮލްކޭނޯ" އެއް ގޮވަނީ ކޮންމެ 100000 އަހަރަކުން އެއް ފަހަރުއެވެ. ސައިންސްވެރިން ލަފާ ކުރާ ގޮތުގައި މިފަދަ އަލިފާން ފަރުބަދައެއް ގޮވައިފިނަމަ ދުނިޔޭގެ ބޮޑު ސަރަހައްދެއް ބަނޑަށް ޖެހި ދުނިޔެ އާދަޔާ ހިލާފަށް ފިނި ގަދަވެގެން ދާނެއެވެ. ސަބަބަކީ ފަރުބަދައިން ނިކުންނަށް އަޅީގެ ދުމުން ދުނިޔެއަށް އިރުގެ އަލިކަން ނުލިބޭނެތީއެވެ.