އިންޑޮނޭޝިޔާގެ އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އެރި ސުނާމީގެ ސަބަބުން މަރުވި މީހުންގެ އަދަދު 400 އިން މައްޗަށް އަރައެވެ. މި ނުރައްކާތެރި ކާރިސާގައި ގެއްލުނު މީހުންނާއި އަނިޔާވި މީހުންގެ އަދަދުވެސް އެހާ ގިނައެވެ. ބިކަވެ ހާލުގައި ޖެހިފައިވާ އެތައް އާއިލާއެއްވެސްވެއެވެ.

މަދު ވަގުތުކޮޅެއްގައި ކަނޑުން އަރައިގެން އައި އެބިޔަ ރާޅުވަނީ އެތައް އާއިލާއަކާ ކުޅިލާފައެވެ. އެތައް ބައެއްގެ އުންމީދުތަކާއި ހުވަފެންތައް ހަފުސްކޮށްލާފައެވެ. އުމުރުން 58 އަހަރުގެ ހިދާޔަތުގެވެސްމެއެވެ.

ދޭސާ ސަންތިކުގެ އައްސޭރި ފަށުގައި ހިދާޔަތު ހަނުހިމޭންކަމާއެކު އިނީ އޭނާގެ ދަރިފުޅު އެނބުރި އަންނާނެ ވަގުތަކަށެވެ. ރައްކާތެރި ސަރަޙައްދުތަކަށް މީހުން ގެންދާ ބޯޓަކުން، އޭނާގެ ދަރިފުޅު ފައިބައިގެން އަންނާނޭ ވަގުތަކަށެވެ.

ހިދާޔަތު ކިޔައިދިން ގޮތުގައި އޭނާ، އޭނާގެ ދަރިފުޅާ އެންމެ ފަހުން ވާހަކަ ދެއްކީ ސުނާމީ އެރިތާ ކުޑަ ވަގުތުކޮޅެއްގެ ތެރޭގައެވެ.

އޭނާ ބުނި ގޮތުގައި އުމުރުން 34 އަހަރުގެ ދަރިފުޅު މަސައްކަތް ކުރަމުން ދިޔައީ އެސަރަޙައްދުގެ ކައިރީގައި އޮންނަ ޗޮކުލެޓު އުފައްދާ ތަނެއްގައެވެ. އެއީ ކަނޑު ހުރަސް ކޮށްގެން ނޫނީ ނުދެވޭ ތަނެކެވެ. އަދި އެދުވަހުގެ މެންދުރުފަހު ދަރިފުޅާ ބައްދަލުކޮށްލުމަށްފަހު އޭނާ އެނބުރި ގެއަށް އައީކަމަށްވެސް ބުނެފައިވެއެވެ.

ހިދާޔަތު އިތުރަށް ކިޔައިދިން ގޮތުގައި ސުނާމީ އަރައިފިޔޭ ބުނެވުމުން އޭނާގެ ބަސް ހުއްޓުނެވެ. ފިޔަވަޅު އަޅަންވީ ކޮޅެއް ނޭނގި ގެއްލުނެވެ. އެހެންނަމަވެސް، ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި ދަރިފުޅުވަނީ މަންމައަށް ގުޅާފައެވެ.

ދަރިފުޅު ގުޅުމަށްފަހު ބުނީ ސުނާމީ އަރައިގެން އުޅޭ ވާހަކައެވެ. ސުނާމީގައި ދަރިފުޅު އުޅެމުންދިޔަ ގެ އެއްކޮށް ސުންނާފަތިވެ ހުރިހާ އެއްޗެއް ހަލާކުވެގެން ދިޔަ ވާހަކައެވެ. އިތުރު އެއްޗެއް ނުބުނެއެވެ. ދަރިފުޅުގެ އަޑުއިވުނު، ދަރިފުޅާ ވާހަކަ ދެއްކުނު އެންމެ ފަހު ފަހަރަކީ އެއީއެވެ.

ރަށަށް އަންނަ ކޮންމެ މީހެއްގެ ކައިރީގައި ހިދާޔަތު ދަނީ އޭނާގެ ދަރިފުޅު ކޮބައިތޯ އަހާ ސުވާލު ކުރަމުންނެވެ. ދަރިފުޅު ދިރިހުންނާނެކަމުގެ ނިޝާނެއް ދޭނެ ކަމުގެ އުންމީދުގައެވެ. އޭނާގެ އުންމީދަކީ ޤުދުރަތުގެ އަޖައިބު ފަދައިން ލޯބިވާ ދަރިފުޅާ އަނެއްކާވެސް ބައްދަލުވުމެވެ.

މިފަދަ އެތައް އާއިލާއެއް މިއަދު އިންޑޮނޭޝިޔާގައި އެބަ ތިއްބެވެ.