ސުނާމީގެ ރާޅު އަރައިގެން އައިއިރު ކައިވެނީގެ ޙަފްލާ ފެށިއްޖެއެވެ. އެއީ ސުމަޓްރާގެ ދެކުނުގައި އޮންނަ ރަޖަބާސާ އަށް ސުނާމީގެ ފުރަތަމަ ރާޅު އަރައިގެން އައިހިނދެވެ.

މުޅި އަވަށުގެ އެންމެން ޖަމާވެފައިވަނީ ކައިވެނީގެ ޙަފްލާއަށެވެ. ކައިވެނި ކުރާ ދެމީހުންގެ އުފަލުގައި ބައިވެރިވެ، އެމީހުންނަށް ހެޔޮ ދުޢާ ކުރުމުގެ ބޭނުމުގައެވެ. އެކަކު އަނެކަކަށް ފެނިދެނިވެ، ވާހަކަ ދައްކާލުމުގެ ބޭނުމުގައެވެ.

ރާޅު އަރައިގެން އައި އަޑަށް، އަވަށުގެ ވެރިޔާ އަބްދުއްރަހުމާން ހީކުރީ ދެ ކާރު ޖެހި އެކްސިޑެންޓެއް ހިނގީކަމަށެވެ. ބޮޑު ކަމެއްކަމުން މަޑު ކުރުމެއް ނެތި ވީ ކީއްތޯ ބަލާލަން އަވަސްވެގަތެވެ. އެހެންނަމަވެސް، ލިބިގެން ދިޔައީ ކުއްލި ސިހުމަކާއި ބިރުވެރިކަމެކެވެ.

ކާރު އެކްސިޑެންޓެއްކަމަށް ހީކޮށް ބަލާލިއިރު ކަމަކުދާކަށް ނެތެވެ. ކަނޑު އެހެރަ އަރައިގެން އަންނަނީއެވެ. އަބްދުއްރަހުމާން ބުނި ގޮތުގައި އެންމެން ހާސްވާން ފެށިއެވެ. އެމީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެކި ކޮޅު ކޮޅު މައްޗަށް ދުއްވައިގަންނަން ފެށުނެވެ.

"އެއީ އުފާވެރި ދުވަހަކަށް ވާން ޖެހޭނީ އެކަމަކު ކަނޑު އަރައިގެން އައީ" އޭނާ ބުންޏެވެ.

އަލިފާން ފަރުބަދައެއް ގޮވުމުގެ ސަބަބުން އެކަމުގެ އަސަރާއެކު ކުރުމަތިވި ބިންގަނޑު ކަނޑައިގެން ދިއުމާ ގުޅިގެން އާދީއްތަ ދުވަހު މި ސުނާމީ އަރާފައިވަނީ ސުމަޓްރާ އަދި ޖާވާ ސަރަޙައްދަށެވެ.

ތަޖުރިބާކާރުން ބުނާގޮތުގައި ކަނޑައިގެން ގޮސްފައިވަނީ އަނަކް ކަރަކްޓޫ އަލިފާން ފަރުބަދަ ކައިރި ސަރަޙައްދުގެ ކަނޑު އަޑީގެ ބިންގަނޑެވެ. ސުނާމީގެ ބޮޑު ރާޅެއް އަރަން މެދުވެރިވީ މިކަމުގެ ސަބަބުންނެވެ.

ރަޖަބާސާގައި މި ކައިވެނި ޙަފްލާ ކުރިއަށް ދިޔައީ އައްސޭރިފަށާ 30 މީޓަރު ދުރު ސަރަޙައްދެއްގައެވެ. މި ވަރުގެ ރާސްތާ ލިބިފައިވުމުން ގިނަ ފަރާތްތަކަށް ރައްކާތެރި، އުސް ތަނަކަށް ދިއުމުގެ ފުރުޞަތު ލިބުނެވެ. އެހެންނަމަވެސް، ބައެއް މީހުންގެ ނަސީބު އެހާ ރަނގަޅެއް ނޫނެވެ.