އިންޑޮނޭޝިއާ އަށް މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އެރި ސުނާމީގެ ސަބަބުން އާއިލާގެ އެންމެން މަރުވެފައިވާ ކަމަށް ނިންމައިގެން ހުރި މީހަކަށް އާއިލާ އާއި ބައްދަލު ވެއްޖެއެވެ.

ބަޕޫ ސުވަރްނާ ނަމަކަށް ކިޔާ ޒުވާނާއަށް ސުނާމީގެ ރާޅުތައް ފެނުނު އިރު ހުރެވުނީ އާއިލާ މެންބަރުންގެ ކައިރީގައެވެ. "ސުނާމީ! ރާޅުތައް! ރާޅުތައް!" ގޮވަމުން މީހުން ދުވަން ފެށުމުން ބަޕޫ ވެސް ދުއްވައި ގަތެވެ. ނަމަވެސް ރާޅުގެ ތެރޭގައި ޣަރަގުވެގެން ދާން ގިނަ ވަގުތެއް ނުނެގިއެވެ. ލޮނުގަނޑު ހިނދުނު އިރު އާއިލާގެ އެހެން މެންބަރުން ވީތަނެއް ބަޕޫއަކަށް ނޭނގެއެވެ.

ބަޕޫ ނިންމައިގެން ހުރީ ރާޅުގެ ތެރެއަށް ޣަރަގުވެ އާއިލާ އެންމެން މަރުވެގެން ދިޔައީ ކަމަށެވެ.

މިއަދު ބަޕޫއަށް އޭނާގެ އާއިލާ އާއި ބައްދަލުވީ ބަންޓެންގައި ހުރި ހޮޓަލަކުންނެވެ. އާއިލާގެ މެންބަރުން ތިބީ އެހޮޓަލުން ހިޔާވަހިކަން ހޯދައިގެންނެވެ.

އިންޑޮނޭޝިއާ އަށް އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 429 އަށް އަރާފައެވެ. އަދިވެސް 154 މީހުން ގެއްލިފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. އެހެންކަމުން މަރުވި މީހުންގެ އަދަދު އިތުރުވުން ގާތެވެ.

ސުނާމީ އަރާފައި ވަނީ އިންޒާރު ދިންތާ 24 މިނެޓް ފަހުން ކަމަށް ކުރިން މީޑިއާތަކުން ރިޕޯޓް ކުރި ނަމަވެސް އެންމެ ފަހުގެ ރިޕޯޓްތައް ބުނާ ގޮތުގައި ސުނާމީ އެރުމުގެ ކުރިން އެއްވެސް އިންޒާރެއް ލިބިފައެއް ނެތެވެ. ސުނާމީ އެރުމުގެ ކުރިން އިންޒާރު ނުދެވުނީ އިންޒާރުދޭ ނިޒާމް ހަލާކު ވެފައި ހުރުމުން ކަމަށް އިންޑޮނޭޝިއާ ސަރުކާރުން ވެސް ވަނީ ބުނެފައެވެ.

ހޮނިހިރު ދުވަހުގެ ރޭ އިންޑޮނޭޝިއާގެ ބައެއް ސަރަހައްދުތަކަށް 16 ފޫޓްގެ ސުނާމީ އެރިއެވެ. ސުނާމީގެ ސަބަބުން 16000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ.