މިދިޔަ ހަފްތާ ތެރޭގައި އިންޒާރަކާ ނުލާ އިންޑޮނޭޝިއާއަށް އެރި ސުނާމީގައި 420 މީހުން މިހާތަނަށް މަރުވެފައިވަނިކޮށް، އަދިވެސް އެގައުމަށް ސުނާމީ އަރާފާނެ ކަމަށް، ހުރިހާ އެންމެންވެސް ސަމާލުވެ ތިބުމަށް އޮފިޝަލުން އަންގައިފިއެވެ.

ސުނާމީގެ އިންޒާރު އިންޑޮނޭޝިއާއަށް އައިސްފައިވާ އިރު، 2004 ވަނަ އަހަރު ޑިސެންބަރު 26 ވަނަ ދުވަހު އޭޝިއާގެ ގިނަ ގައުމުތަކަކަށް އެރި ސުނާމީވެސް އެންމެ ބޮޑަށް އެރި ގައުމަކީ އިންޑޮނޭޝިއާއެވެ. އެ އަހަރުގެ ސުނާމީގައި ރާއްޖޭގެ އެތައް ރަށެއްވެސް ވަނީ ސުންނާފަތި ވެފައެވެ.

އިންޑޮނޭޝިއާއަށް އެންމެފަހުން އެރި ސުނާމީ، އިންޒާރަކާ ނުލާ، ރޭގަނޑުގެ ވަގުތުގައި އަރާފައިވާ އިރު، އެ ކަމަށް އިދާރާތަކަށް ފާޑުކިޔުންވެސް އަމާޒުވެފައިވެއެވެ. އަދި އަންނަ މަހުގެ ތެރޭގައި އެ ގައުމުގެ ވާނިން ސިސްޓަމްތައް ބަދަލު ކުރާނެ ކަމަށްވެސް ވާހަކަތައް ދަނީ ދެކެވެމުންނެވެ.

މިއަދު އޮފިޝަލުން އަންގާފައި ވަނީ އެންމެފަހުން ސުނާމީ އެރި ސަރަހައްދުގެ މޫދާ 500 މީޓަރު ދުރުގައި ތިބުމަށެވެ. ސަބަބަކީ އަދިވެސް ގޮވަމުންދާ އަނަކް ކްރޮކަޓޯއާގެ ގޮވުންތައް ގޮވަމުން ދިޔުމުގެ އިތުރުން އެ ފަރުބަދަ ހިމެނޭ ސަރަހައްދުގެ ބިންގަޑު އަދިވެސް ހަމަ ނުޖެހޭތީއެވެ.

އިންޑޮނޭޝިއާއަށް މިދިޔަ ހަފްތާގައި އެރި ސުނާމީގައި މަރުވި މީހުންގެ އަދަދު އަދިވެސް އިތުރުވަމުންދާ އިރު، ހާހަކަށްވުރެ ގިނަ މީހުންނަށް ދަނީ އެކިއެކި އަނިޔާތަކަށް ފަރުވާ ދެމުންނެވެ. އަދި އެތައް ހާސް ބައެއްގެ ގެދޮރު ގެއްލި ހާލުގައި ޖެހިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މާމަ

    ސުނާމީއަކީ އިންޒާރު ދީފައިއަރާއެއްޗެއްތަ؟

  2. ޢަލީ ނާޞިރު

    ކޮބާ ކްރިސްމަސް ބާބޫ؟ ޢަޅެ ދިވެހިންގެ ބައެއްމީހުންވެސް އާއަހަރު ފާހަގަކުރަން ހަމަ މަރުދީފަ........ ﷲގެ އިންޒާރު ނުފެންނަނީބާ؟ ރެއަކާދުވާލު ދުނިޔޭގެ އެކިހިސާބުތަކަށް ކިތއް ބިންހެލުން އަންނަމުން އެބަދޭ.......... ޥިސްނާ ފިކުރުކުރާބަޔަކަށް.........