ކުރިން އިއުލާނު ނުކޮށް، ކުއްލި ގޮތަކަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އާއި އެމެރިކާގެ ފަސްޓް ލޭޑީ މެލައިނާ ޓްރަމްޕް އިރާޤަަށް ގޮސް އިރާޤުގައި ތިބޭ އެމެރިކާ ސިފައިންނާއި ބައްދަލު ކޮށްފިއެވެ.

އިރާޤުގެ ހުޅަނގުގައި އޮންނަ އަލް އައްސަދު އެއާ ބޭސްގައި ޓްރަމްޕް ވަނީ އިރާޤުގައި ތިބޭ އެމެރިކާ ސިފައިންގެ އިސްވެރިންގެ އިތުރުން އެމެރިކާގެ އެކި ރޭންކްތަކުގެ ސިފައިންނާއި ބައްދަލު ކޮށްފައެވެ. އެމެރިކާ ސިފައިންނާއި ބައްދަލުކޮށް ޓްރަމްޕް ވަނީ ސީރިއާގައި ތިބި އެމެރިކާގެ 2000 ސިފައިން ސީރިއާ އިން ބާލާނެ ކަން ރަސްމީކޮށް އިއުލާން ކޮށްފައެވެ. ނަމަވެސް ހުރިހާ ސިފައިން ބޭލުމުގެ ވިސްނުމެއް ނެތް ކަމަށް ޓްރަމްޕް ބުންޏެވެ.

ޓްރަމްޕް ބުނީ އެމެރިކާ ސިފައިން ސީރިއާ އަށް އެރުމުގެ މަޤުޞަދަކީ އައިއެސްގެ ހަނގުރާމަވެރިން ބަލި ކުރުން ކަމަށާއި މިހާރު އެމަޤުޞަދު ހާސިލްވެއްޖެ ކަމަށެވެ.

"އެމެރިކާގެ މަޤުޞަދަކީ އައިއެސް ބަލިކުރުން. އެމަޤުޞަދު ހާސިލް ވެއްޖެ. ގައުމުތައް އާރާސްތު ކުރުން އެއީ އެމެރިކާގެ ދައުރެއް ނޫން." ޓްރަމްޕް ބުންޏެވެ.

އެމެރިކާ އިން އިރާޤަށް 11 ގަޑިއިރުގެ ދަތުރެއް ފްލައިޓްގައި ޓްރަމްޕް ކުރީ ސަލާމަތީ ގޮތުން ވަރުގަދަ ފިޔަވަޅުތަކެއް އަޅައިގެންނެވެ. މުޅި ދަތުރުގައި ވެސް ހުރިހާ ލައިޓެއް ނިއްވާލައިގެން ފްލައިޓް ދަތުރު ކުރީ ވަށައިގެން ބޮންއަޅާ ޖެޓްތައް "ގާޑް" ވެސް ކުރުވައިގެންނެވެ.

ޓްރަމްޕްގެ ދަތުރުގައި އެމެރިކާގެ ގައުމީ ސަލާމަަތާއި ބެހޭ މުޝީރު ޖޯން ބޮލްޓަން ބައިވެރިވިއެވެ. ނަމަވެސް ކޮންގްރެސްގެ މެންބަރަކު ބައިވެރިއެއް ނުވެއެވެ.

ޓްރަމްޕްގެ ދެމަފިރިން އިރާޤުގައި ތިން ގަޑިއިރު ހޭދަކުރިއެވެ.

ވައިޓް ހައުސް އިން ބުނީ ޓްރަމްޕްގެ ދެމަފިރިން އިރާޤަށް ދަތުރުކުރީ ސިފައިންގެ އަގުވަޒަންކޮށް އެމެރިކާ ސިފައިން އިރާޤުގައި ހޯދާފައިވާ ކާމީޔާބީ އާއި ދީފައިވާ ޚިދުމަތައް ޝުކުރު އަދާކުރަން ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ކީލި

    ޓުރަންޕު ތިއުޅެނީ މަރުކައިރި ވާތީ ....

  2. ނުރަބޯ

    އެ ކީއްކުރާށޯ އެތަނަކަށް އެ ތޮރުފުނީ؟ މެކްސިކޯ ބޯޑަރުގައި ބޮޑު ފާރު ރާނަން ގައު ހޯދަންތަ.....؟؟