ތަކެތީގެ އަގު އުފުލުމާއި، ނޫސްވެރިންނަށް ކުރިމަތިކުރުވާ ފިއްތުންތަކާ ދެކޮޅަށް ސޫދާންގައި ކުރަމުންދާ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 37 އަކަށް އަރައިފިއެވެ.

އެމްނެސްޓީ އިންޓަނޭޝަނަލްއިން ބުނެފައި ވަނީ ސޫދާންގައި ކުރަމުންދާ މުޒާހަރާތަކުގައި އެތައް ހާސް ބައެއް ބައިވެރިވަމުންދާ އިރު، މުޒާހަރާގައި 37 މީހުން މަރުވެ، 200 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވާ ކަމަށެވެ. އަދި މައިގަނޑު ގޮތެއްގައި އަނިޔާވެފައި ވަނީ ފުލުހުންނާ ދެމެދު ހިނގާފައިވާ ހަމަ ނުޖެހުންތަކުގައި ކަމަށްވެސް ރިޕޯތުތައް ބުނެފައިވެއެވެ.

އެމްނެސްޓީން އެހެން ބުނި ނަމަވެސް، ސޫދާންގެ ސަރުކާރުން ބުނެފައި ވަނީ މުޒާހަރާތަކުގައި މަރުވެފައި ވަނީ 19 މީހުންނަށް ކަމަށެވެ. އޭގެ ތެރޭގައި ސަލާމަތީ ކަންކަން ބަލަހައްޓާ ދެ އޮފިސަރުންވެސް ހިމެނޭ ކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ބޭރު ފައިސާގެ ބޮޑެތި މައްސަލަތަކުގެ އިތުރުން، ގައުމުގެ އިންފްލޭޝަން ރޭޓް 70 ޕަސެންޓަށް އުފުލިފައިވާ އިރު، އެ ގައުމަށް ކާބޯތަކެތި ނުލިބުމުގެ މައްސަލަތައް ވަނީ ދިމާވެފައެވެ. އޭގެ އިތުރުންވެސް މުޒާހަރާ ކުރާ ފަރާތްތައް ބުނެފައި ވަނީ، ސަރުކާރުން ނޫސްވެރިންނަށް ބޮޑެތި ފިއްތުންތައް ކުރިމަތިކުރުވާ ކަމަށާއި، ބޭނުން ވަނީ ރައީސް އިސްތިއުފާ ދިނުމަށް ކަމަށެވެ.

އިދިކޮޅު ޕާޓީތަކުން ކުރިއަށް އޮތް ތިން ދުވަހުވެސް މުޒާހަރާ ކުރަން ނިންމާފައިވާ އިރު، އެ މުޒާހަރާތައް އިތުރަށް ދެމިގެންދާނެ ކަމަށް ކަމާ ބެހޭ ފަރާތްތަކުން މައުލޫމާތު ދެއެވެ.

ކިޔުންތެރިންގެ ހިޔާލު