އިއްޔެ ރޭ މިސްރުގައި ބަހަކަށް އަމާޒުކޮށް ދިން ނިރުބުވެރި ހަމަލާއެއްގައި ހަތަރު މީހަކު މަރާލުމުން މިސްރު ސިފައިން ހަނގުރާމަވެރިން ހޯދަން ކުރިއަށް ގެންދާ އޮޕަރޭޝަންގައި 40 ހަނގުރާމަވެރިން މަރާލައިފިއެވެ.

މިސްރުގެ ދައުލަތުގެ މީޑިއާ "މިނާ" އިން ބުނީ ސިނާއިގެ އުތުރުގައި އޮންނަ ގިޒާ އަވަށުގައި މިސްރުގެ ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގައި ހަނގުރާމަވެރިން ކަމަށް ޝައްކު ކުރެވޭ ގިނަ އަދަދެއްގެ ބަޔަކު މަރާލާފައިވާ ކަމަށެވެ. އެސަރަހައްދަކީ ހަތިޔާރު އެޅި ގިނަ ހަނގުރާމަވެރި ގްރޫޕްތައް ހަރަކާތްތެރިވާ ސަރަހައްދެކެވެ.

މިސްރުގެ އަހްރާމްތައް ކައިރީގައި ބަހަކަށް ދިން ހަމަލާއެއްގައި އިއްޔެ ރޭ މަރުވީ ވިއެޓްނާމްގެ ހަތަރު ފަތުރުވެރިންނާއި އެމީހުނަށް މަގުދައްކަން އުޅުނު މިސްރުގެ ގައިޑެކެވެ. އެހަމަލާގައި އިތުރު 11 މީހުން ޒަހަމްވިއެވެ. ޒަހަމްވި މީހުންގެ ތެރޭގައި ވިއެޓްނާމްގެ ފަތުރުވެރިންނާއި ބަހުގެ ޑްރައިވަރަކަށް އިން މިސްރު މީހަކު ހިމެނެއެވެ.

ހަމަލާގެ ޒިންމާ އެއްވެސް ޖަމާޢަތަކުން އުފުލާފައެއް ނުވެއެވެ.

މިއީ ފާއިތުވި އެއްއަހަރު ތެރޭގައި މިސްރުގައި ފަތުރުވެރިންނަށް އަމާޒުކޮށް ދިން ފުރަތަމަ ހަމަލާއެވެ. 2011 ވަނަ އަހަރު އޭރު މިސްރުގެ ރައީސް ކަމުގައި ހުރި ހުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށް ފެށި މުޒާހަރާ އާއި އޭގެ ފަހުން ގައުމުގައި ހިނގި ބޮޑެތި ހަމަނުޖެހުންތަކާއި ގުޅިގެން މިސްރުގެ ފަތުރުވެރިކަމަށް އޮތީ ވަރަށް ބޮޑަށް އަސަރު ކޮށްފައެވެ. މިހަމަލާގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާ އަށް އިތުރު ގެއްލުންތައް ލިބިގެން ދާނެއެވެ.

2013 ވަނަ އަހަރު މިސްރުގެ ފުރަތަމަ ޑިމޮކްރަޓިކް ވެރިކަން ސިފައިން ނިކުމެ ވައްޓާލުމުން މިސްރުގައި ހަނގުރާމަވެރިންގެ ނުރައްކާ ވަނީ ވަރަށް ބޮޑުވެފައެވެ. އޭގެ ފަހުން ވެރިރަށް ގާހިރާގެ އެކި ސަރަހައްދުތަކަށް ވެސް ހަތިޔާރު އެޅި މީހުން ހަމަލާ ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ރަދީފު

    ނިރުބުވެރިކަމުގެ މަާނައަކީ ކޮބާ؟

    • ލަފާ

      ޓެރަރިޜަމް

    • ކަލާ

      ޓެރަރިޒަމް ހެން ހީވަނީ