ތުރުކީވިލާތުގެ އިސްތަންބޫލްގައި ހުންނަ ސައުދީ އަރަބިއްޔާގެ ކޮމްސިއުލޭޓްގެ އެތެރޭގައި މަރާލި ޖަމާލް ޚަޝޯޤީގެ ހަށިގަނޑު ދަަބަހަކަށް ލައިގެން ކައުންސެލް ޖެނެރަލްގެ ގެއިން މީހަކު ނިކުންނަ ވީޑިއޯއެއް ތުރުކީގެ މީޑިއާ އަކުން ލީކް ކޮށްލާފައިވާ ކަމަށް "އަލްޖަޒީރާ" އިން ބުނެފިއެވެ.

"އަލްޖަޒީރާ" އިން ބުނީ ކައުންސެލް ޖެނެރަލްގެ ގެއިން ދަބަހެއް ހިފައިގެން މީހަކު ނިކުތީ ޚަޝޯޤީ މަރާލި ދުވަހު ކަމަށެވެ. ދަބަހުގައި އޮތީ ޚަޝޯޤީގެ ހަށިގަނޑުކަން މުޅިން ކަށަވަރު ނުކުރެވުނު ނަމަވެސް ކޮންސިއުލޭޓާއި ކައުންސިލް ޖެނެރަލްގެ ގެއިން ވެސް ޚަޝޯޤީގެ ހަށިގަނޑުގެ އެއްވެސް ބައެއް ފެނިފައި ނުވާތީ ތަޙްޤީޤު ޓީމުން ނިންމާފައި ވަނީ ޚަޝޯޤީގެ ހަށިގަނޑު އެތަނުން ބޭރުކޮށްފައިވާ ކަމަށެވެ.

ވީޑިއޯ އިން ފެންނަނީ ޚަޝޯޤީ މަރާލަން ތުރުކީ އަށް ދިޔަ ސައުދީ އަރަބިއްޔާގެ ޓީމްގެ މެންބަރެއް ކަމަށް "އަލްޖަޒީރާ" އިން ބުނެއެވެ. ނަމަވެސް މީގެ ކުރިން ބައެއް ރިޕޯޓްތައް ބުނެފައިވާ ގޮތުގައި ޚަޝޯޤީގެ ހަށިގަނޑު ނައްތާލުމަށް ހަވާލު ކުރީ ތުރުކީ މީހަކާއެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ 02 ވަނަ ދުވަހު ޚަޝޯޤީ މަރާލީ ކައިވެނި ކުރަން ބޭނުންވާ ލިޔުންތަކެއް ހޯދަން ކޮންސިއުލޭޓަށް ވަނުމުންނެވެ. ޚަޝޯޤީގެ މަރުގެ ފަހަތުގައި ވަނީ ސައުދީ އަރަބިއްޔާގެ ވަލީއަހްދު މުހައްމަދު ބިން ސަލްމާން ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރެއެވެ. ނަމަވެސް ސައުދީ އަރަބިއްޔާ އިން އެތުހުމަތުތައް ދޮގު ކުރެއެވެ.

ޚަޝޯޤީ މަރާލުމުގައި ބައިވެރިވި 11 މީހެއްގެ ޝަރީޢަތް ސައުދީ އަރަބިއްޔާގައި ކުރިއަށް އެބަގެންދެއެވެ. ޚަޝޯޤީ މަރާލުމުގައި ބައިވެރިވި މީހުންނަށް މަރުގެ އަދަބު ދިނުމަށް ސައުދީ އަރަބިއްޔާ އިން ވަނީ ނިންމާފައެވެ.