މެލޭޝިއާގެ ކުއަލަ ލަމްޕޫރުން ފުރައިގެން ޗައިނާގެ ބެއިންޖިން އަށް ދަތުރު ކުރަމުން ދަނިކޮށް މީގެ ހަތަރު އަހަރު ކުރިން 239 މީހުންނާއި އެކު ގެއްލުނު ފްލައިޓް އެމްއެޗް 370 ވަނީ ހައިޖެކް ކޮށްފައި ކަމަށްވުން ވަރަށް ގާތް ކަމަށް ބުނެ ފްލައިޓުން އެއާޓްރެފިކް ކޮންޓްރޯލާ އެންމެ ފަހުން ދެއްކި ވާހަކަތައް ދިރާސާ ކުރި ތަޖުރިބާކާރަކު ސުވާލު އުފައްދައިފިއެވެ.

ގެއްލުނު ފްލައިޓާއި މުހާތަބުކޮށް ވިއެޓްނާމްގެ އެއާޓްރެފިކް ކޮންޓްރޯލުން އެންމެ ފަހުން ބުނީ "މެލޭޝިއާ 370، ވާހަކަ މިދައްކަނީ ހޯ ޗީ މިން. 9.120. ބާއްޖާވެރި ރޭގަނޑަކަށް އެދެން."

ޖަވާބުގައި އެމްއެޗް 370 އިން ބުނީ "ބާއްޖަވެރި ރޭގަނޑަކަށް އެދެން. މެލޭޝިއާ 370" އެވެ.

ވާހަކަދެއްކި ޕައިލެޓްގެ އަޑުން އެއްވެސް ވަރެއްގެ ކަންބޮޑުވުމެއް ނުވަތަ ހާސްކަމެއް ހުރިކަން ފާހަގައެއް ނުވެއެވެ. އެވާހަކަކޮޅަށް ފަހު އޭގެ ދެމިނެޓް ފަހުން ފްލައިޓް 180 ޑިގްރީއަށް އަނބުރާލާ ދެކުނަށް ފްލައިޓް ދަތުރު ކުރަން ފެށިއެވެ. ފްލައިޓް ދަތުރު ކޮށްފައި ވަނީ ރާޑަރުތަކަށް ނާރާނެ ވަރަށް ތިރިން ކަމުގައި ވާތީ ފްލައިޓް ދަތުރުކުރި މަގު ކަށަވަރު ކަމާއި އެކު ބުނެވޭނެ ގޮތެއް ނޭނގެއެވެ.

މެލޭޝިއާގެ ފްލައިޓް ގެއްލުނު ހާދިސާ އާއި ބެހޭ ގޮތުން ފޮތެއް ލިޔުއްވާފައިވާ ވައިގެ ދަތުރުފަތުރާއި ބެހޭ ތަޖުރިބާކާރެއް ކަމަށްވާ ޖެފް ވިސް ބުނީ ފްލައިޓް ވަނީ ހައިޖެކް ކޮށްފައި ކަން ވަރަށް ބޮޑަށް ގަބޫލު ކުރެވޭ ކަމަށެވެ.

ފްލައިޓް ހައިޖެކް ކޮށްގެން ދުއްވާފައި ވަނީ ފްލައިޓް ދުއްވުމުގެ ތަޖުރިބާ ވަރަށް ރަނގަޅަށް ލިބިގެން ހުރި މީހެއް ކަމަށް ޖެފް ބުނެއެވެ. އެއީ އެންމެ ދެމިނެޓް ތެރޭގައި ފްލައިޓް އަނބުރާލުމުންނާއި ހުރިހާ މައުލޫމާތެއް އަލުން ރީސްޓާޓް ކޮށްފައި ވާތީއެވެ.

ނަމަވެސް އެންމެ ދެމިނެޓް ތެރޭގައި ކޮކްޕިޓަށް ވަދެ ޕައިލެޓާއި ކޯޕައިލެޓް އަދި އިންޖިނޭރަށް ބިރުދައްކައިގެން ފްލައިޓްގެ މިސްރާބު ބަދަލު ކޮށްލުން އެއީ ކުރަން އުނދަގޫ ވާނެ ކަމެއް ކަމަށް އޭނާ ގަބޫލު ކުރެއެވެ.

އެހެންކަމުން ފްލައިޓް ހައިޖެކް ކޮށްފައި ވަނީ ފްލައިޓަށް އެރި ފަސެންޖަރަކަށްވުން ދުރުކަމަށާއި ބޮޑަށް ގަބޫލު ކުރެވެެނީ ފްލައިޓް ހައިޖެކް ކޮށްފައި ވަނީ ޕައިލެޓް ނުވަތަ ކޯޕައިލެޓް ކަމަށް ޖެފް ބުނެއެވެ. ނަމަވެސް ސުވާލީ ޕައިލެޓް ނުވަތަ ކޯޕައިލެޓް އެފަދަ ކަމެއް ކުރަންވީ ކީއްވެ ހެއްޔެވެ؟ އެސުވާލަށް ދޭނެ ޖަވާބެއް އަދި ނެތެވެ.

މިއަހަރު ވެސް ނިމިގެން މިދިޔައީ އެމްއެޗް 370 އަށް ވީގޮތެއް ބަލަން އެތައް ތަޖުރިބާކާރުން އެތައް ޚިޔާލެއް ހުށަހަޅާ އެތައް ހޯދުންތަކެއް ހޯދާ ނަމަވެސް ޖަވާބެއް ނުލިބިއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Anonymous

    އެމް.އެޗް 370 ވަނީ ޑިއޯގޯ ގާސިޔާ ( ފޯޅަވައްސަ) ޖައްސާފައި ، މީހުން ވަގަށް ނެގުމަހު ބޯޓުގެ ބައިތައް ކަނޑަށް އުކާލާފައި

    1
    1
  2. ޖޮއްބެ

    އެއްކޮޅުން ބޮޑެތި މުޖުރިމުން ކުށެއް ނެތް ސާފު ހުދުކާފޫރު ކޮޅަކަށް ވެގެން މިނިވަންކޮށްފަ އަނެއްކޮޅުން ކުށެއްނެތް އިނަސެންޓް މީހުން ފްރޭމްކޮށް ތަޅު އަޅުވަން މަސައްކަތް ކުރަނީ. ވަރަށް އިންސާފުވެރި އިނގޭ.