އިނގިރޭސިވިލާތުގެ ލަންޑަނަށް 2019 ފެށިގެން ފުރަތަމަ ހަޑިއިރު ހިނގި އިރު ތޫނު ހަތިޔާރުން ހަމަލާދީ ދެމީހުން މަރާލައިފިއެވެ.

މީގެ ތެރެއިން އެކަކު މަރުވީ ޕްރައިވެޓް ޕާޓީއަކަށް ގޭންގަކުން ވަންނަން އުޅުމުން ގޭންގް މެންބަރުން ހުއްޓުވަން އުޅުމުގެ ތެރޭގައެވެ. މަރުވި މީހަކީ 37 އަހަރުގެ ސެކިއުރިޓީ ގާޑެކެވެ. އޭނާގެ އިތުރުން ޕާޓީ ކުރިއަށްދިޔަ ތަނުގައި ހުރި 29 އަހަރުގެ ފިރިހެނަކަށާއި 29 އަހަރުގެ އަންހެނަކަށް ވެސް ގޭންގުން ވަނީ ހަމަލާދީ ޒަހަމްކޮށްލާފައެވެ. ނަމަވެސް އެމީހުންގެ ފުރާނައަށް ނުރައްކާވާވަރުގެ ޒަހަމެއް ލިބިފައެއް ނުވެއެވެ. މިހާދިސާ ހިނގީ ފަތިހު 05:30 ހާއިރުއެވެ.

ތޫނު ހަތިޔާރުން ހަމަލާދީ ދެން މަރާލާފައި ވަނީ އަންހެނެކެވެ. އޭނާ މަރާލީ ގޭގައި ހުއްޓާ ފަތިހު 04:20 ހާއިރު އެވެ. ހާދިސާގެ ރިޕޯޓް ލިބިގެން ފުލުހުން އަންހެން މީހާގެ ގެއަށް ދިޔައިރު އޭނާ އޮތީ މަރުވެފައެވެ.

ފުލުހުން ބުނީ ދެމީހަކު މަރާލި މައްސަލަ ވެސް ތަޙްޤީޤު ކުރަމުންދާ ކަމަށާއި ނަމަވެސް އަދި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށެވެ.

މިއީ 2008 ވަނަ އަހަރުގެ ފަހުން އަހަރުގެ ފުރަތަމަ ދުވަހު ލަންޑަނުގައި ދެމީހުން މަރާލި ފުރަތަމަ ފަހަރެވެ. ފަހަކަށް އައިސް ލަންޑަނާއި އިނގިރޭސިވިލާތުގެ އެހެން ސިޓީތަކުގައި ވެސް މީހުން މެރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. 2018 ވަނަ އަހަރު ހަމައެކަނި ލަންޑަނުގައި 134 މީހަކު ގަސްދުގައި މަރާލާފައި ވެއެވެ.

އިނގިރޭސިވިލާތުގައި ގޭންގްތައް އިތުރުވެ، ގޭންގްތަކާއި ގުޅޭ ކުޑަކުދިންނާއި ޒުވާނުންގެ އަދަދު އިތުރުވަމުންދާތީ އާއްމު ރައްޔިތުން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް ސަރުކާރުން މިކަމަށް އެކަށީގެންވާ ފިޔަވަޅެއް އަޅަމުން ނުދާ ކަމަށް ގިނަ ބަޔަކު ބުނެއެވެ.