ބާރުގަދަ ތޫފާން "އުސްމާން" ފިލިޕީންސްއަށް އެރުމާއި ގުޅިގެން ކުރަމުންދާ ވިއްސާރައިގައި ފެން ބޮޑުވެ، ބިންގަނޑު ކަނޑައިގެން ގޮސް 75 މީހަކު މަރުވެއްޖެއެވެ.

ފިލިހިޕީންސަށް ބާރުގަދަ ތޫފާނެއް އަރާފައިމިވަނީ މިދިޔަ ހަފްތާގައި ބާރުގަދަ ބިންހެކުމެއް އެގައުމަށް އައިސްފައިވަނިކޮށެވެ.

މިއީ 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެރި ތޫފާން މަންކުޓްގެ ފަހުން ދެވަނައަށް އެއްމެ ގިނައިން މީހުން މަރުވި ތޫފާނެވެ. އެވަރޭޖް ގޮތެއްގައި އަހަރަކު 20 ތޫފާން ފިލިޕީންސްއަށް އަރައި އެތައް ބަޔަކަށް ގެއްލުން ލިބެއެވެ.

އެ ގައުމުގެ ނެޝަނަލް ޑިޒާސްޓަރ ރިޑަކްޝަން އޮފީހުން ބުނެފައިވަނީ ތޫފާނުގެ ސަބަބުން އެ ގައުމުގެ 13 ޕްރޮވިންސްއެއްގެ 45000 މީހުންނަށް އަސަރުކޮށްފައިވާ ކަމަށެވެ. އަދި އިތުރު 16 މީހަކު ގެއްލިގެން ހޯދަމުންދާ ކަމަށެވެ.

އެ އިދާރާއިން ބުނީ އެންމެ ގިނައިން މީހުން މަރުވީ އިރުމަތީ ބިކޯލް އަވަށުންނާއި ވިސަޔާސް އަވަށުން ކަމަށެވެ. މީގެ ތެރެއިން ގިނަ މީހުން މަރުވީ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިސާތަކާއި ފެންބޮޑުވުމާއި ގުޅިގެންނެވެ.

ތޫފާނުގެ ސަބަބުން އެކި ހިސާބުތަކުގައި ކަރަންޓް ކެނޑިފައިވާއިރު ބައެއް ސަރަހައްދުތަކުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތައް ހިނގާނެ ކަމަށް ބެލެވޭތީ ގުއާމްގެ މޫސުމާއި ބެހޭ އިދާރާއިން ވަނީ އެލާޓް ނެރެފައެވެ. ތޫފާން އެރި ހިސާބުތަކުގެ މުވާސަލާތީ ގުޅުން ވަނީ ކެނޑިފަ އެވެ.

ފަހުގެ ތާރީހެއްގައި ޕިލިޕީންސްއަށް އެއްމެ ގެއްލުން ލިބުނީ 2013 ވަނަ އަހަރު އެރި ތޫފާން ހައިޔާންގެ ސަބަބުންނެވެ. މި އާދަޔާ ހިލާފަށް ބާރުގަދަ ތޫފާނުގައި 7500 މީހުން މަރުވެފައިވާ އިރު، ފަސް މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން ޖެހުނެވެ.