އާއަހަރު ފާހަގަ ކުރުމުގެ ގޮތުން އިނގިރޭސިވިލާތުގެ ލަންޑަންގެ މަގުތައް މަތީގައި ބޭއްވި ޕާޓީތަކުގައި މަގުމައްޗަށް އަޅާފައި ހުރި ކުނިތައް މުސްލިމުން ނިކުމެ ސާފުކޮށްފިއެވެ.

ލަންޑަންގެ ޒުވާން މުސްލިމުން ހިމެނޭ އަހްމަދިއްޔާ މުސްލިމް ޔޫތު އެސޯސިއޭޝަން (އަމްޔާ) ގެ މެންބަރުން ވަނީ އިއްޔެ ހެނދުނު ލަންޑަންގެ މަގުތަކަށް ނިކުމެ އެތައް ސަތޭކަ ކޮތަޅެއްގެ ކުނި ނަގާފައެވެ. ކުނިތައް ނަގާ، މަގުމަތި ސާފުކުރުމުގައި 1000 އަކަށް ވުރެ ގިނަ މުސްލިމުން ބައިވެރިވިއެވެ.

މަގުތައް ސާފު ކުރުމުގައި ހަރަކާތްތެރިވި ޖަމާއަތުން ބުނީ އިސްލާމްދީން އަބަދުވެސް ބާރުއަޅަނީ ސާފުތާހިރުކަމަށާއި މުޖުތަމަޢުގެ އެންމެނަށް ފައިދާ ހުރި ކަންތައް ކުރަން ކަމަށާއި އެހެންކަމުން މިއީ ދީނީ ވާޖިބެއް އަދާކުރުމުގެ ގޮތުން ކުރި ކަމެއް ކަމަށެވެ.

އަމްޔާ ޖަމިއްޔާގެ ފަރާތުން ވާހަކަދެއްކި އޮފިޝަލަކު ބުނީ އާއަހަރު ފާހަގަ ކުރުމުގެ ގޮތުން ސާފު ކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިޔައީ ޖަމިއްޔާގެ މެންބަރުންނަށް އަމަލީ ގޮތުން ބައިވެރިވެވޭނެ ބޮޑު ހަރަކާތެއް ހިންގާ މުޖުތަމަޢުއަށް ޚިދުމަތެއް ކޮށްދިނުމުގެ ބޭނުމުގައި ކަމަށެވެ.

އަމްޔާ ޖަމިއްޔާ އަކީ އިނގިރޭސިވިލާތުގެ މުސްލިމުން ނިސްބަތްވާ ޒުވާނުންގެ އެންމެ ދުވަސްވީ އަދި އެންމެ ބޮޑު ޖަމާޢަތެވެ. މިޖަމާޢަތުން މީގެ ކުރިން ވެސް ސާފު ކުރުމުގެ 300 އަށް ވުރެ ގިނަ ހަރަކާތް ހިންގާފައި ވެއެވެ. އަދި މުޅި އިނގިރޭސިވިލާތުގައި އެޖަމާޢަތުން ވަނީ 20000 އަށް ވުރެ ގަސް ވެސް އިންދާފައެވެ.

ފަހަކަށް އައިސް އެޖަމާއަތުން ގެންދަނީ ކޮންމެ އަހަރެއްގެ ވެސް ފުރަތަމަ ދުވަހު މަގުތައް ސާފު ކުރުމުގެ ހަރަކާތެއް ހިންގަމުންނެވެ.

ލަންޑަންގެ މަގުތައް ސާފުކުރަން މުސްލިމުން ކުރިއަށް ގެންދިޔަ ހަރަކާތައް ވަރަށް ގިނަ ބައެއްގެ ތައުރީފް މީސް މީޑިއާގައި ލިބިފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. މޯދީ

    ބަލަ އެއީ މުސްލިމުންތަ. ޤާދިޔާނީންނޭ އެއީ.

  2. ހަޤީޤަތް

    ޙަބަރެއް ޝާއިޢު ކުރުމުގެ ކުރިން އޭގެ ދެކޮޅު ބަލާލުން މުހިންމް. މި ޖަމާޢަތަކީ މިރުޒާ ޤުލާމު އަހުމަދުަކީ އުފައްދާފައިވާ އަހުމަދިއްޔާ ޖަމާޢަތުގެ ބައެއް. އޭނާ އަކީ ކީރިތި ރަސޫލާގެ ފަހުން އައި ނަބިއްޔެއްކަމަށް ދަޢުވާކުރިމީހެއް. އަމްނާގެ ވެބްސައިޓައްގޮސް ބަލާލިޔަސް މިކަން އެނގޭނެ. މިކަހަލަ ކަންކަން މިއަދުގެ ދިވެހި ޖީލައް ނޭންގޭތީ ހިތާމަކުރަން