މިދިޔަ ޑިސެންބަރު މަހު މަޑަގަސްކަރައިގައި ބޭއްވި ރިޔާސީ އިންތިހާބުގައި މަކަރު ހެދިކަމަށް ބުނެ، އިންތިހާބުން ބަލިވި މާކް ރަވަލޮމަނާނާގެ އެތައް ހާސް ސަޕޯޓަރުން ވެރިރަށް އަންޓަނަނަރީވޯގެ މަގުތަކަށް ނިކުމެ މުޒާހަރާ ކުރަން ފަށައިފިއެވެ.

މުޒާހަރާގައި ބައިވެރިވި ރަވަލޮމަނާނާގެ ޕާޓީގައި މަސައްކަތް ކުރާ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރު، ހަނިތްރާ ރަޒަފިމަނަންސޯ ވިދާޅުވީ މުޒާހަރާގެ ބައިވެރިން މަސައްކަތް ކުރީ އިންތިހާބުގެ ދެވަނަ ބުރުގައި ހުރި އޮޅުވާލުތަށް ރައްޔިތުންނަށް ދައްކަން ކަމަށެވެ.

އޭނާ ވިދާޅުވީ އާބާދީގައި 19 މިލިއަން މީހުން ދިރިއުޅޭ މަޑަގަސްކަރައިގެ ސަލާމަތީ ބާރުތަކުން މުޒާހަރާގެ ބައިވެރިންނާއި ދިމާލަށް ކަރުނަ ގޭސް ޖެހުމާއި ގުޅިގެން، މާ ގިނަ އިރުތަކެއް ނުވެ މުޒާހަރާ ވަނީ ރޫޅިފައެވެ. ނަމަވެސް މުޒާހާރަގެ ބައިވެރިން ވަނީ އަދިވެސް މަގުތަކަށް ނިކުމެ އިންސާފު ލިބެންދެން އަޑު އުފުލާނެ ކަމަށް ބުނެފައެވެ.

ބިމުގެ ގޮތުން ބަލާއިރު ދުނިޔޭގެ 46 ވަނައަށް އެންމެ ބޮޑު ގައުމު މަޑަގަސްކަރައިގައި ބޭއްވި އިންތިހާބުގެ ދާއިމީ ނަތީޖާ ދައްކާ ގޮތުން، ރައީސް އެންޑްރީ ރަޖޮއެލީނާއާއި ވާދަކޮށް ރަވަލޮމަނާނާއަށް ލިބުނީ ވޯޓުގެ 44 އިންސައްތައެވެ.

އިންތިހާބާއި ބެހޭ ގޮތުން ރަވަލޮމަނާނާ ހުށައަޅާފައިވާ މައްސަލައިގެ ހުކުމް މަޑަގަސްކަރައިގެ ގާނޫނީ ކޯޓުން ވަނީ އަންނަ ހަފުތާގައި އިއްވާނެ ކަމަށް ބުނެފައެވެ.

2009 ވަނަ އަހަރު ރަޖޮއެލީނާއާއި ރަވަލޮމަނާނާގެ ވާދަވެރިކަން ފެށިގެން ދިޔައީ، ރަވަލޮމަނާނާ ރައީސްކަމުން ދުރުކުރުމަށް، އަންޓަނަނަރީވޯގެ މޭޔަރަކަށް ހުންނަވި ރަޖޮއެލީނާ އިސްކޮށް ހުންނަވައިގެން ގެނައި ބަޢާވާތާއި ގުޅިގެންނެވެ.

ބައިނަލްއަގްވާމީ އެއްބަސްވުމެއްގެ ދަށުން 2013 ވަނަ އަހަރުގެ އިންތިހާބުގައި ދެ ބޭފުޅުން ވާދަކުރެއްވުން އޮތީ މަނާކުރެވިފައެވެ.