ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ އިޒްރާއިލުގެ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ފަލަސްތީނު މީހުންނަށް އިތުރަށް ދުއްތުރާކޮށް، އެފަރާތްތައް އިތުރަށް ހާލުގައި ޖައްސާނެކަމަށް އިޒްރާއިލުގެ ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ގިލާޑު އެރްޑާން ބުނެފިއެވެ.

ގިލާޑު ބުނެފައިވާ ގޮތުގައި ފަލަސްތީނުގެ ރައްޔިތުންނަށް ދުއްތުރާ ކުރުމުގެ ގޮތުން ޖަލުތަކުގެ ޙާލަތު ދަށްކޮށް، ޖަލުތަކުން ދޭ ކާބޯތަކެތީގެ އަދަދު މަދުކޮށް އަދި އާއިލާގެ މީހުންނަށް ޖަލަށް ޒިޔާރަތް ކުރެވޭ ވަގުތުވެސް މަދުކުރަން ނިންމާފައިވާކަމުގައެވެ.

އިސްތިއުމާރީ ޔަހޫދީ ދައުލަތުގެ ކެބިނެޓުގެ ހުއްދަ ލިބުމާއެކު ކުރިއަށް އޮތް މަދު ހަފްތާކޮޅެއްގެ ތެރޭގައި މި ފިޔަވަޅުތައް އަޅަން ފަށާނެކަމަށް ޕަބްލިކް ސެކިއުރިޓީ މިނިސްޓަރު ބުނެފައިވެއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެމުން މިނިސްޓަރު އިތުރަށް ބުނެފައިވަނީ މިހާރު އިޒްރާއިލުގެ ޖަލުތަކުގައި ގައިދީންނަށް އަމިއްލައަށް ކެއްކޭނެ އިންތިޒާމުތައް ހަމަޖައްސާފައި ހުންނަކަމުގައެވެ. އެހެންނަމަވެސް، ކުރިއަށް އޮތްތަނުގައި ފަލަސްތީނުގެ ގައިދީން މިކަމުންވެސް މަހުރޫމު ކުރަން ނިންމާފައިވާކަމަށް ބުނެފައިވެއެވެ.

ހަމައެހެންމެ، ފަލަސްތީނުގެ ގައިދީންނަށް ޓީވީ ބެލުމުގެ ފުރުޞަތު ދިނުން ހުއްޓާލަން ނިންމާފައިވާއިރު، ފަލަސްތީނުގެ ސަރުކާރަށް އެކި ފަރާތްތަކުން ފޯރުކޮށްދޭ މާލީ އެހީތެރިކަމަށް ހުރަސް އަޅަންވެސް ނިންމާފައިވާކަމަށް މި ލާއިންސާނީ މިނިސްޓަރު ބުނެފައިވެއެވެ.

މީގެއިތުރުންވެސް، އިޒްރާއިލުގެ ޤާނޫނު ހަދާ މަޖިލީހުގެ މެންބަރުން، ފަލަސްތީނު ގައިދީންނަށް ޒިޔާރަތް ކުރުން ހުއްޓުވުމަށްވެސް ވަނީ ނިންމާފައެވެ.

ހަމައެހެންމެ، އެންމެ ޒަރޫރީ އަދި އިންސާނީ ޙައްޤެއްގެ ގޮތުގައި މުޅި ދުނިޔެއިން ބަލަމުން އަންނަ ފެން ފޯރުކޮށްދޭ މިންވަރު ކުޑަ ކުރަންވެސް އަނިޔާވެރި ޤައުމުން ވަނީ ނިންމާފައެވެ.

މިކަމާ ގުޅިގެން ފަލަސްތީނުގެ ބައެއް ސިޔާސީ ފަރާތްތަކުން ބުނެފައިވާ ގޮތުގައި އިޒްރާއިލުން އުޅެމުން ދަނީ އެއީ ބައިނަލްއަޤުވާމީ ގޮތުން ހެދިފައި ހުންނަ ޤާނޫނުތަކާއި ޤަވާއިދުތަކަށް ވުރެ މަތީގައި ތިބި ބައެއްގެ ގޮތުގައިކަމަށެވެ. އަދި މިކަން މި ހިނދުން މި ހިނދަށް ބަދަލު ކުރަން ޖެހޭކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އިޒްރާއިލުގެ ޖަލުތަކުގައި މިހާރުވެސް ފަލަސްތީނުގެ 5500 ރައްޔިތުން އުޅެމުންދެއެވެ. އޭގެތެރެއިން 230 ފަރާތަކީ ކުޑަކުދިންނެވެ. 54 ފަރާތަކީ އަންހެނުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޝްރޭ

    މީ ޔަގީނުންވެސް ރާއްޖޭގެ ޖަލުތަކަށް ވުރެއް އެތައް ގުނައަށް އިންސާނުން ނަށް ޖަނަވާރުންނަވުރެއް ދަށުދަރަޖާގައި އަމަލު ކުރަމުންދާ ޖަލެއް.. އެކަމް އަދި ވެސް ޖަލުތަކުގެ އޯޑިޓް ކުރާ މީހުން މިކިޔަނީ ރާއްޖޭގެ ޖަލުތަތަކުގައި އިންސާފް ވެރި ކަމެއް ނެތޭ،،

  2. ލަކީ

    އަދިވެސް އިޒްރޭލާއި އެމެރިކާއާއި ގުޅުން ބަދަހިކުރޭ