އިންޑިއާގެ ގާނޫނު ހަދާ މަޖިލިސް ލޯކް ސަބާ އަށް މެމްބަރުން ހޮވަން މި އަހަރުގެ މޭ މަހު ނުވަތަ އޭޕްރޯލް މަހު ބާއްވާ އާންމު އިންތިހާބުގައި އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ޕްރަކާޝް ރާޖް ވާދަކުރަން ނިންމައިފި އެވެ.

ޕްރަކާޝް ކުރި ޓްވީޓެއްގައި އެކަން ކަށަވަރުކޮށް ދީފައިވާ އިރު، އޭނާ އިންތިހާބުގައި ވާދަކުރާނީ އެެއްވެސް ޕާޓީއަކާ ނުގުޅި މިނިވަން ކެންޑިޑޭޓެއްގެ ގޮތުގަ އެވެ. ނަމަވެސް އޭނާ ވާދަކުރާ ދާއިރާ ހާމަކޮށްފައެއް ނުވެއެވެ.

އިންޑިއާގެ ސައުތު ފިލްމު އިންޑަސްޓްރީން މަޝްހޫރުކަން ހޯދި ޕްރަކާޝްއަކީ ބޮލީވުޑްގެ ވަރަށް ގިނަ ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފައިވާ އެކްޓަރެކެވެ.

އޭނާ އާންމުކޮށް ކުޅެނީ ނުބައިބައި ރޯލްތަކެވެެ. ޕްރަކާޝް ކުޅެފައިވާ ހިންދީ ފިލްމުތަކުގެ ތެރޭގައި "ގޯލްމާލް އެގެއިން،" "ދަބަންގް" އަދި "ވޯންޓެޑް" ފަދަ ކާމިޔާބު އެތަކެއް ފިލްމެއް ހިމެނެއެވެ.

އުމުރުން 53 އަހަރުގެ ޕްރަކާޝް ސިޔާސީ ދާއިރާ އަށް ނުކުންނަން ނިންމި އިރު، އޭނާއަކީ އިންޑިއާގައި މިހާރު ވެރިކަންކުރާ ޕާޓީ ބީޖޭޕީއާ ވަރަށް ދެކޮޅު އަދި ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާ ފަންނާނެކެވެ.

ފަހަކަށް އައިސް ބޭއްވި ލޯކަލް އިންތިޚާބުތައް ބީޖޭޕީއަށް ނާކާމިޔާބުވެފައި ވީނަމަވެސް އިދިކޮޅު ކޮންގްރެސް ޕާޓީގެ ސިޔާސީ ހަރަކާތްތައް ވަރުގަދަ ނުވުމުން އަދިވެސް ކޮންގްރެސް ޕާޓީއަށް އަވަސް ފުރުސަތެއްގައި ވެރިކަން ލިބުމުގެ ފުރުސަތު ނެތް ކަމަށް އިންޑިއާގެ މީޑިއާ ރިޕޯޓްތައް ބުނެއެވެ. އަދި ބީޖޭޕީގެ ސިޔާސަތުތަކުގެ ސަބަބުން އާބާދީ ބޮޑު ހިންދޫންގެ ތާއީދު އަންނަނީ އެޕާޓީއަސް އިތުރު ވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    ހޫނ ޖައިކާންތް ޝިކްރޭ ދޯ. ވަރަށް ފައްކާ މީހެއް.