ރާއްޖެ އާއި ދެކުނު އޭޝިއާ އަށް ވެސް މަޝްހޫރު މެގީ ނޫޑްލްސްގައި އިންސާނުންގެ ސިއްހަތައް ނުރައްކާވާ މިންވަރަކަށް "ލީޑް" ހުންނާނެ ކަމަށް މެގީ ނޫޑްލްސް އުފައްދާ ނެސްލޭ ކުންފުނިން އިއުތިރާފް ވެއްޖެއެވެ.

ދުވަސްތަކެއް ވަންދެން ނެސްލޭގެ މައްޗަށް ކުރެވެެމުން އައި ތުހުމަތުތަކަށް މީގެ ކުރިން ތަކުރާރުކޮށް ދެކޮޅު ހަދަމުން އައި ނަމަވެސް އިއްޔެ އިންޑިއާގެ ސުޕްރީމް ކޯޓުގައި އޮތް އަޑުއެހުމެއްގައި ނެސްލޭގެ ވަކީލް ވަނީ މެގީގެ އުފެއްދުންތަކުގައި "ލީޑް" ކެމިކަލް ހުންނާނެ ކަމަށް އިއުތިރާފްވެފައެވެ.

ނެސްލޭގެ އުފެއްދުންތަކުގައި ކެމިކަލް ހުރި ކަމަށް ބުނާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ އެކުންފުނީގެ އުފެއްދުންތަކެއް އިންޑިއާ ސަރުކާރުން ނައްތާލުމުން ގެއްލުމުގެ ބަދަލު ހޯދަން ނެސްލޭ އިން މަސައްކަތް ކުރުމުން އިންޑިއާ ސަރުކާރުންނެވެ.

އިންޑިއާގެ ކާބޯތަކެތީގެ ރައްކާތެރިކަން ބަލަހައްޓާ އިދާރާ އިން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނެފައި ވަނީ ކެމިކަލް ހުރި އެއްޗެހި ނައްތާލުމުން ލިބޭ ގެއްލުމުގެ ބަދަލު ސަރުކާރުން ދޭކަށް ނުޖެހޭނެއެވެ.

ނެސްލޭގެ އުފެއްދުންތަކެއް އިންޑިއާ ސަރުކާރުން ނައްތާލީ 2017 ވަނަ އަހަރުގެ ކުރީކޮޅުއެވެ. އެމައްސަލައިގައި 640 ކްރޯޑްގެ ބަދަލެއް ހޯދަން ނެސްލޭ އިން އައީ މަސައްކަތް ކުރަމުންނެވެ. ނެސްލޭ އިން ކުރިން ބުނަމުން އައީ އެކުންފުނީގެ އުފެއްދުންތަކުގައި ލީޑް ހުންނާނީ ސިއްހީ ގޮތުން ގެއްލުން ނުލިބޭ މިންވަރަށް ކަމަށެވެ.

ނެސްލޭގެ އިއުތިރާފާއި ގުޅިގެން މިމައްސަލަ ނެސްލޭ އާއި އެއްކޮޅަށް ނުނިމޭނެކަން މިވަނީ ކަށަވަރު ވެފައެވެ. އަދި އިންޑިއާ ސަރުކާރު މިވަނީ ނެސްލޭއަށް ބޮޑު ބަދަލެއް ދޭން ޖެހުމުން ސަލާމަތްވެފައެވެ.