އަވަށްޓެރި އިންޑިޔާގެ ބައެއް ސަރަޙައްދުތަކުގައި ނުރައްކާތެރި ޒިކާ ވައިރަސް ފެތުރެމުންދާކަމަށް އެޤައުމުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ހާމަކޮށްފިއެވެ.

އޯލް އިންޑިޔާ މެޑިކަލް ސަރވިސަސް- ބޯޕާލްއާ ހަވާލާދީ އެޤައުމުގެ ނޫސްތަކުން ބުނެފައިވާ ގޮތުގައި މި ބަލި ފެތުރެމުންދަނީ އެޤައުމުގެ މަދްޔާ ޕްރަދޭޝްގެ އެކި ސަރަޙައްދުތަކުގައިކަމަށެވެ. އަދި ފެތުރެމުންދަނީ ޒިކާ ވައިރަސްގެ އުގަންޑާ ސްޓެރެއިންއެއް ކަމަށްވެސް ބުނެފައިވެއެވެ.

މަދިރީގެ ޒަރީއާއިން ޖެހޭ މިބަލި ޖެހިގެން، މިހާތަނަށް މަދްޔާ ޕްރަދޭޝްއިން 159 މީހުންވަނީ ރިޕޯޓުކޮށްފައެވެ. އެއީ ހުސްވި 2018 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެންނެވެ.

ޒިކާ ވައިރަސްގެ ނުރައްކާތެރިކަން އެންމެ ބޮޑުވަނީ މާބަނޑު އަންހެނުންނަށެވެ. މާބަނޑު އަންހެނުންނަށް މި ބަލި ޖެހިއްޖެކަމުގައިވާނަމަ، ބަނޑުގައި އޮންނަ ދަރިފުޅަށް އަސަރުކޮށް، ކުއްޖާ އައިބުވެ، ތަފާތު ނުކުޅެދުންތެރިކަމާ ކުރިމަތިލާން ޖެހެއެވެ. އިންޑިޔާ އިން ރިޕޯޓު ކުރި 159 މީހުންގެ ތެރޭގައި 20 މާބަނޑު އަންހެނުން ހިމެނެއެވެ.

މިކަމާ ގުޅިގެން އިންޑިޔާގެ ކަމާ ބެހޭ އިދާރާތަކުގައި މަސައްކަތް ކުރާ ފަރާތްތަކުން ދަނީ ބަލި ފެތުރެމުންދާ ސަރަޙައްދުތަކުގައި މަސައްކަތް ކުރަމުންނެވެ. އައުޓްބްރޭކްއެއްގެ ދަރަޖައަށް މިކަންތައް ގޮސްފައިވާއިރު، ބަލި ފެތުރުން ހުއްޓުވުމަށް އެފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.

މަދްޔާ ޕްރަދޭޝްގެ ގިނަ ސަރަޙައްދުތަކުގައި ޒިކާ ވައިރަސް ފެތުރެމުންދިޔަ ކަމުގައިވިޔަސް، ފެތުރެމުންދާ މި ބަލީގެ އުގާންޑާ ސްޓްރެއިން އަކީ އެންމެ ނުރައްކާތެރި ސްޓްރެއިން ނޫންކަމަށް ޞިއްޙީ ތަޖުރިބާކާރުން ބުނެއެވެ.