މެލޭޝިޔާގެ ރަސްކަމުން، ސުލްތާން މުޙައްމަދު ފަހެއް، ފައިބައިވަޑައިގަންނަވައިފިއެވެ. އެމަނިކުފާނު، ރަސްކަމުގެ ތަހުތު ދޫކުރައްވާފައިވަނީ، ތަހުތުގައި އެންމެ ދެ އަހަރު ދުވަހު އިންނެވުމަށްފަހުއެވެ.

މިއަދުގެ ވަގުތެއްގައި ޤައުމުގެ ރަސްކަމުން ދުރުވެވަޑައިގަންނަވާފައިވާއިރު، އެކަން ބަޔާން ކުރެއްވުމަށްފަހު އެޤައުމުގެ ސެކެރެޓަރީ އޮފް ދި ކޮންފަރެންސް އޮފް ރޫލާސް އަށް ވަނީ ސިޓީފުޅެއް ފޮނުއްވާފައެވެ.

ސުލްތާން މުޙައްމަދު ފަހެއްގެ އިސްތިއުފާގެ ސިޓީފުޅުގައި، އޭނާވަނީ އޭނާ ތަހުތަށް އައްޔަން ކުރެއްވި އެޤައުމުގެ ކުރީގެ ރަސްގެފާނަށް ޝުކުރު އަދާކުރައްވާފައެވެ. ހަމައެހެންމެ، އެޤައުމުގެ ބޮޑުވަޒީރު މަހާތީރު މުޙައްމަދަށާއި ސަރުކާރުން ދެއްވި އެއްބާރުލެއްވުމަށްވެސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ރަސްކަމުގެ ގަނޑުވަރުން ނެރެފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ ރަސްކަން ކުރެއްވި މުއްދަތުގެ ތެރޭގައި ސުލްތާން މުޙައްމަދު، ޤައުމުގެ އެންމެ މަތީ ވެރިޔާގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފައިވަނީ މަޤާމުގެ ގޮތުން ކޮނޑުގައި އެޅިފައިވާ ކަންކަން ފުރިހަމަ ކުރެއްވުމަށާއި، ޤައުމުގެ ހަމަޖެހުމާއި އިންސާފަށް މަސައްކަތް ކުރާ ތަނބެއްގެ ގޮތުގަޔާއި، ރައްޔިތުންގެ އެއްބައިވަންތަކަން ދަމަހައްޓައިދޭ ކުޑައެއްގެ ގޮތުގައިކަމަށެވެ.

ހަމައެހެންމެ، ޤައުމުގެ ސިޔާދަތާއި، ޤައުމުގެ އަމަން އަމާންކަމާއި ޞުލްޙަ މަސަލަސްކަން ދެމެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރައްވަން ޖެހޭކަމަށް ރަސްގެފާނު ދެކެވަޑައިގަންނަވާކަމަށްވެސް ބަޔާނުގައިވެއެވެ.

ރަސްކަމުން ފައިބައިވަޑައިގެންނެވުމަށްފަހު، އެޤައުމުގެ އެކި ސަރަޙައްދުތައް ތަރައްޤީ ކުރެއްވުމަށް މަސައްކަތް ކުރައްވަން ޝައުގުވެރިވެވަޑައިގަންނަވާކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

މެލޭޝިޔާގެ ޤާނޫނުތައް ބުނާގޮތުން ރަސްގެފާނަކީ އެޤައުމުގެ އެންމެ މަތީ ވެރިޔާގެ އިތުރުން، އެޤައުމުގެ ސަލާމަތީ ބާރުތަކުގެވެސް އެންމެ މަތީ ވެރިޔާއެވެ.

މިއީ މެލޭޝިޔާގެ ތާރީޚުގައިވެސް އެޤައުމުގެ ރަސްކަލަކު އަމިއްލަފުޅަށް މަޤާމުން ފައިބައިވަޑައިގެންނެވި ފުރަތަމަ ފަހަރެވެ. މީގެ ހަފްތާއެއް ކުރިން އެމަނިކުފާނު މަޤާމުން ފައިބައިވަޑައިގަންނަވަން އުޅޭކަމުގެ އަޑުތަކެއް ފެތުރިފައިވެއެވެ. އެހެންނަމަވެސް، ބޮޑުވަޒީރު މަހާތީރު ވިދާޅުވެފައިވަނީ އެކަން އެނގިވަޑައިނުގަންނަވާކަމުގައެވެ.