އިންޑޮނޭޝިއާ އަށް 7.0 މެގްނެޓިއުޑްގެ ބާރުމިނުގައި ބިންހެލުމެއް އަތުވެއްޖެއެވެ. ނަމަވެސް ފަހުން ވަނީ ބިންހެލުމުގެ ބާރުމިން 6.6 މެގްނެޓިއުޑަށް ދަށް ކޮށްފައެވެ.

ބިންހެލުން އައީ ރާއްޖޭ ގަޑިން މިރޭ 22:27 ގައިކަމަށް ރާއްޖޭގެ މޫސުމާއި ބެހޭ ގައުމީ އިދާރާ އިން ވިދާޅުވިއެވެ. ބިންހެލުމުގެ ސަބަބުން ރާއްޖެއަށް އެއްވެސް ނުރައްކަލެއް ނެތެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި ބިންހެލުން އައިސްފައި ވަނީ އިންޑޮނޭޝިއާގެ ޓޮބެލޯ ކައިރިން ކަނޑުގެ އަޑިއަށެވެ.

ޕެސިފިކް ސުނާމީ ވޯނިން ސެންޓަރުން ބުނީ ބިންހެލުމުގެ ސަބަބުން ގެއްލުން ބޮޑު ސުނާމީއެއް އެރުމުގެ އެއްވެސް ފުރުސަތެއް ނެތް ކަމަށެވެ.

އިންޑޮނޭޝިއާ އަށް މިރޭ ބާރުގަދަ ބިންހެލުމެއް އައިއިރު މިދިޔަ ޑިސެމްބަރ މަހުގެ 22 ވަނަ ދުވަހު އަލިފާން ފަރުބަދައެއް ގޮވާ އުފެދުނު ސުނާމީއެއްގެ ސަބަބުން އެގައުމުން ގިނަ އަދަދެއްގެ ބަޔަކު މަރުވެ ގިނަ އަދަދެއްގެ ގެދޮރު ވަނީ ހަލާކުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު