2016 ވަނަ އަހަރު އެމެރިކާގައި ކުރިއަށްދިޔަ ރިޔާސި އިންތިހާބަށް ބާރުފޯރުވުމަށް ރަޝިޔާއިން މަސައްކަތްކުރިކަމުގެ ކުށުގެ ތުހުމަތުގައި ރަޝިޔާގެ 19 ރައްޔިތަކާއި ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅު އެޅުމަށް އެމެރިކާއިން ނިންމައިފިއެވެ.

ދަތިކުރުމުގެ ފިޔަވަޅު އެޅުނު 19 މީހުންނަކީވެސް އެމެރިކާގެ ރިޔާސީ އިންތިހާބާއި ދިމާކޮށް ސައިބާރ ހަމަލާދިނުމުގެ ތުހުމަތްކުރެވިފައިވާ މީހުންކަމަށް އެމެރިކާއިން މައުލޫމާތުދޭއިރު މިއީ ޑޮނަލްޑް ޓްރަމްޕް ވެރިކަމަށް ވަޑައިގެންނެވިފަހުން ރަޝިޔާއާއި ދެކޮޅަށް އެޅިގެންދިޔަ އެންމެ ވަރުގަދަ ފިޔަވަޅުތައްކަމަށް ވަނީ ފާހަގަކުރެވިފައެވެ.

ރަޝިޔާގެ ޖާސޫސީ އެޖެންސީކަމުގައިވާ ޖީ.އާރް.ޔޫ އާއި ދެކޮޅަށްވެސް ދަތިކުރުމުގެ ފިޔަވަޅު އެޅިފައިވާއިރު ރަޝިޔާގެ އިންޓަނެޓް ރިސާޗް އެޖެންސީވެސް ވަނީ އެ ލިސްޓަށް އިތުރުވެފައެވެ. ރަޝިޔާއިން ވަނީ އެމެރިކާގެ އެ ފިޔަވަޅުތަކަށް ރައްދުދިނުމުގެ ގޮތުން އެގައުމުންވެސް ފިޔަވަޅުތަކެއް އެޅުމަށް ރާވަމުންދާކަމަށް ބުނެފައެވެ. އެމެރިކާއިން ވަނީ އަދި ކުރިއަށް އޮތް ތަނުގައި ރަޝިޔާގެ މުއްސަނދި އޮލިގާކްސް އަދި އިސް އޮފިޝަލުންނާއި ދެކޮޅަށް އިތުރު ފިޔަވަޅު އެޅުމަށްވެސް މަސައްކަތް ކުރެވެމުންދާކަމަށް ބުނެފައެވެ.

އެ ފިޔަވަޅުތައް އަޅާނެ ތާރީހެއް އެމެރިކާއިން ހާމަކޮށްފައިނުވާއިރު އެމެރިކާގެ ޓްރެޝާރ ސެކްރެޓަރީ ސްޓީވް މްނިއުކިން ވަނީ ރަޝިޔާއިން ބޮޑެތި ގެއްލުންތައް ކުރިމަތިކުރުވާފަދަ ސައިބާރ ހަމަލާތަކުގެ ފަހަތުގައި ތިބިކަމަށާއި އަދި އެޅިގެން މިދިޔަ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ރަޝިޔާގެ މިފަދަ އަމަލުތައް ހުއްޓުވުމަށް އަމާޒުކޮށްގެން އެޅިގެންދިޔަ ފިޔަވަޅުތަކެއްކަމަށް ހާމަކޮށްފައެވެ. އެމެރިކާގެ ޖާސޫސީ އެޖެންސީތަކުން ވަނީ ރަޝިޔާއިން އެމެރިކާގެ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްއަށް ކާމިޔާބުކޮށްދެއްވުމަށް އެހީތެރިވިކަމަށް ވަރަށް ބޮޑަށް ޔަގީންވާކަމަށް ބުނެ ތުހުމަތުކޮށްފައެވެ.

 

ކިޔުންތެރިންގެ ހިޔާލު