ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކޮށްގެން ނަމަވެސް މެކްސިކޯ އާއި އެމެރިކާ ގުޅޭ އިމުގައި ފާރު ރާނަން ޖެހިދާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ.

ފާރު ރާނަން ކޮންގްރެސް އިން ބަޖެޓް ނުދިނުމުން އެމެރިކާ ސަރުކާރު މިދިޔަ ޑިސެމްބަރ މަހުން ފެށިގެން އަދިވެސް އޮތީ ހުއްޓިފައެވެ.

ހުކުރު ދުވަހު ކޮންގްރެސް އިން ބިލެއް ފާސްކޮށް އަންނަ ފެބްރުއަރީ މަހާއި ހަމައަށް އަނެއްކާވެސް އެމެރިކާ ސަރުކާރު ހިންގުމުގެ ފުރުސަތުވަނީ ފަހިކޮށްދީފައެވެ. ނަމަވެސް އެބިލް އަދި ޓްރަމްޕް ތަސްދީގު ކޮށްފައެއް ނުވެއެވެ. އެހެންކަމުން އެމެރިކާ ސަރުކާރު ހުއްޓިފައި އޮތް އޮތުމަށް ނިމުމެއް ނާދެއެވެ.

މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް ޓްރަމްޕް ވަނީ މެކްސިކޯ އާއި އެމެރިކާ ވަކިކުރާ އިމުގައި އެއްގޮތަކުން ނުވިއްޔާ އަނެއްގޮތަކުން ވެސް ފާރު ރާނާނަން ކަމަށް ބުނާ ބުނުން ތަކުރާރުކޮށްފައެވެ. އިއްޔެ ޓްރަމްޕް ވަނީ އެމެރިކާ ސަރުކާރު އަހަރުތަކެއް ވަންދެން ހުއްޓިފައި އޮންނަން ޖެހުނު ނަމަވެސް ފާރު ރާނަން ބަޖެޓް ހަމަނުޖައްސަނީ އޭނާ ގޮތްދޫނުކުރާނެ ކަމަށް ބުނެފައެވެ.

"އަހަރެމެން ފާރު ރާނަން ޖެހޭ. އެއީ ގައުމީ ސަލާމަތާއި ގުޅިގައިވާ މަސައްކަތެއް. އަހަރެމެންނަށް އިތުރު އެހެން އެއްވެސް ޗޮއިސްއެއް ނެތް. ފާރު ރޭނުމަށްޓަކައި އަހަރެން ފަހަރެއްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރަން ޖެހިދާނެ. ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރުމާއި މެދު ގޮތެއް ނިންމޭނީ ކުރިއަށް އޮތް ދުވަސްތަކުގައި ދެން ކަންތައް ވެގެންދާ ގޮތަކުން." ޓްރަމްޕް ބުންޏެވެ.

ގޮތްދޫނުކޮށް ފާރު ރާނަން ބަޖެޓް ހޯދުމުގެ ބޭނުމުގައި އެމެރިކާ ސަރުކާރު ހުއްޓުވާލާފައި އޮތުން އެއީ އެމެރިކާގެ އިޤުތިޞާދަށާއި ދުނިޔޭގެ އިޤުތިޞާދަށް އެންމެ ރަނގަޅު ގޮތް ނޫންކަމަށް ވެސް ޓްރަމްޕް މިއަދު އިއުތިރާފްވިއެވެ.

ސަރުކާރު ހުއްޓިފައި އޮތް އޮތުމަށް ނިމުން ގެންނަން ޑިމޮކްރަޓިކުންނާއި ރިޕަބްލިކަނުން މިހާތަނަށް ކުރިއަށް ގެންދިޔަ މަޝްވަރާތައް ވަނީ ކޮޅެއްގައި ނުޖެހި ނިމިފައެވެ.

ކިޔުންތެރިންގެ ހިޔާލު