އީރާނަށް ރޭ އައި ބާރުގަދަ ބިންހެލުމެއްގެ ސަބަބުން ގިނަ 75 މީހުން ޒަހަމުވެ ގިނަ އިމާރާތްތަކަކަށް ގެއްލުން ލިބިފައިވާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭ އިން ބުނާ ގޮތުގައި އީރާނަށް ބިންހެލުން އައިސްފައި ވަނީ 5.9 މެގްނެޓިއުޑްގެ ބާރުމިނުގައި އިރާނުގެ ކަމާށަށް ޕްރޮވިންސްގެ ކައިރިން ބިމުގެ 10 ކިލޯމީޓަރު އަޑިއަށެވެ.

އީރާންގެ މީޑިއާއެއް ކަމަށްވާ ފާސް ނިއުސް އެޖެންސީ އިން ބުނާ ގޮތުގައި ބިންހެލުމުގެ ސަބަބުން މަދުވެގެން 75 މީހަކަށް އަނިޔާވި ކަމުގެ ރިޕޯޓް މިހާތަނަށް ލިބިފައިވެއެވެ. ނަމަވެސް މީހަކު މަރުވި ކަމެއް އަދި އެނގިފައެއް ނުވެއެވެ.

މި ބިންހެލުމުގެ ސަބަބުން ބައެއް ގެތަކުގެ ފާރުތައް ވެސް ވަނީ ވެއްޓިފައެވެ. މި ބިންހެލުމަށް ފަހު 15 ވަރަކަށް ކުދި ލޮޅުން އައި ނަމަވެސް ބާރުގަދަ ބިންހެލުމަށް ފަހު އަދި ބާރުގަދަ ލޮޅުމެއް އައިސްފައެއް ނުވެއެވެ.

އީރާނަށް އައި ބިންހެލުމުގެ ލޮޅުން އަވައްޓެރި ބައެއް ގައުމުތަކަށް އިހްސާސް ކުރެވުނު ނަމަވެސް އެހެން ގައުމަކަށް ގެއްލުމެއް ލިބުނު ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

އީރާނަކީ އާންމު ގޮތެއްގައި ބާރުގަދަ ބިންހެލުންތައް އަންނަ ގައުމެކެވެ. އީރާނަށް ގިނައިން ބިންހެލުން އަންނަ ސަބަބަކީ އީރާނަކީ ޔޫރޯ އޭޝިއާ ޕްލޭޓް ހިއްސާ ކުރާ ގައުމަކަށް ވުމުންނެވެ.

މިދިޔަ އަހަރު ނޮވެމްބަރު މަހު ފަހުކޮޅު އީރާނަށް 6.3 މެގްނެޓިއުޑްގައި ބާރުމިނުގައި އައި ބިންހެލުމެއްގައި މަދުވެގެން 361 މީހަކަށް ވަނީ އަނިޔާވެފައެވެ. މި ބިންހެލުމުގައި ގިނަ އިމާރާތްތަކަށް ވަނީ ގެއްލުން ވެފައެވެ.