ސިޔާސީ ލީޑަރު އަދި ދީނީ އިލްމުވަރިޔާ ފަތުހުﷲ ގުލެން އާއި ގުޅުން އޮތް ކަމަށް ބުނެ، 2016 ވަނަ އަހަރު ގެންނަން އުޅުނު އަސްކަރީ ބަޣާވާތާއި ގުޅިގެން ތުރުކީ އަސްކަރިއްޔާގެ 100 ސިފައިން ހައްޔަރު ކުރުމަށް އެ ގައުމުގެ ޕްރޮސިކިއުޓަރުން އަމުރުކޮށްފިއެވެ.

ތުރުކީގެ ނޫސް އެޖެންސީއަކުން ބުނެފައި ވަނީ 100 ސިފައިން ހައްޔަރުކުރަން އަމުރުކުރަން ޖެހުނީ ތުރުކީއަށް ގެންނަން އުޅުނު ބަޣާވާތުގެ ފަހަތުގައި ހުރި ކަމަށް ބުނާ އެމެރިކާއަށް އަރުވާލެއްވިގެން އުޅުއްވާ ފަތުހުﷲ ގުލާން އާ ގުޅުން އޮތުމުންނެވެ.

ތަހުގީގަށް އެނގޭ ގޮތުގައި ގުލެން ވަނީ ހައްޔަރު ކުރަން އަމުރު ނެރުނު ސިފައިނާއި ފޯން ކޯލް ކޮއްފައެވެ.

2016 ވަނަ އަހަރު ގެންނަން އުޅުނު ބަޣާވާތާއި ގުޅިގެން ތުރުކީ ސިފައިންގެ އިސް 99 އޮފިސަރުންގެ މައްޗަށް މިހާރު ވަނީ ދައުވާ އުފުލައިފައެވެ. އަސްކަރީ ބަޣާވާތާއި ގުޅިގެން ތުރުކީގެ ސަރުކާރުގައި މަސައްކަތް ކުރާ 80000 މީހުން ވަޒީފާއިން ވަނީ ވަކިކޮށްފައެވެ. މި އެންމެންގެ މައްޗަށް ވަނީ ނިރުބަވެރިކަމުގެ ދައުވާކޮށްފައެވެ.

ވަކި ކުރި މީހުންގެ ތެރޭގައި އެގައުމުގެ 4000 ސިފައިންނާއި އެއާފޯސްގެ 2500 މީހުން ހިމެނެއެވެ. އަދި 10000 މީހުންނަކީ ފުލުސް އޮފިސަރުންނެވެ. ނޭވަލް އޮފިސަރުންގެ ތެރެއިން 3000 މީހަކު ވެސް ވަޒީފާއިން ވަނީ ވަކިކޮށްފައެވެ.

ސަރުކާރުން ވަކި ކުރި މުވައްޒަފުންގެ ތެރޭގައި 150000 ސިވިލް ސާވިސް މުވައްޒަފުން ވެސް ހިމެނެއެވެ. އަދި ނޫސްވެރިކަން ކުރާ ތިން އެޖެންސީ އަކާއި ޓިވީ ޗެނަލަކާއި 12 ޖަމިއްޔާއެއްގެ އޮފީސް ބަޣާވާތާއި ގުޅިގެން ބަންދުކޮށްފައިވެއެވެ.

ތުރުކީއަށް 2016 ވަނަ އަހަރު ގެންނަން އުޅުނު އަސްކަރީ ބަޣާވާތް ނާކާމިޔާބުވެ، ތުރުކީގައި ކުއްލި ހާލަތު އިއުލާންކުރި އިރު ވަނީ ބައިލައްކަ އަށް ވުރެ ގިނަ މީހުންނަށް ފިޔަވަޅު އަޅައިފައެވެ. މީގެ އިތުރުން 600 ސްކޫލް ވަނީ ބަންދުކޮށްފައެވެ.

ތުރުކީއަށް ގެންނަން އުޅުނު ބަޣާވާތުގެ ފަހަތުގައި ވަނީ އެމެރިކާއަށް އަރުވާލެއްވިގެން އުޅުއްވާ ފަތުހުﷲ ގުލާން ކަމަށް އުރުދުޣާން ވަނީ ވިދާޅުވެފައެވެ. އަދި އޭނާ އަނބުރާ ތުރުކީ އަށް ފޮނުވައިދިނުމަށް ވަނީ އެމެރިކާގައި އެދިފައެވެ.