ވަރުގަދަ ހަމަލާތަކެއްގެ ސަބަބުން ހާލުގައި ޖެހިފައިވާ ސީރިޔާގެ އިރުމަތީ ޣުތާގެ ސަރަޙައްދަށް އެހީގެ ތަކެތި ފޯރުކޮށްދީފިއެވެ. ބައިނަލްއަޤުވާމީ ރެޑް ކްރޮސް އާއި ސީރިޔާގެ ރެޑް ކްރެސެންޓް އަދި އދ. ގުޅިގެން އެހީގެ ތަކެތި ފޯރުކޮށްދީފައިވާއިރު، މިއީ އަދި އެކަށީގެންވާ މިންވަރުގެ ތަކެއްޗެއް ނޫނެވެ.

ބައިނަލްއަޤުވާމީ ރެޑް ކްރޮސް، ނުވަތަ އައިސީއާރްސީ އިން ހާމަކޮށްފައިވާ ގޮތުގައި އެހީގެ ތަކެއްޗާއެކު އިރުމަތީ ޣޫތާއަށް ވަދެފައިވަނީ 25 ޓްރަކެވެ. އިއްޔެގެ ވަގުތެއްގައި މި ޓްރަކްތައް ޣޫތާއަށް ފޯރާފައިވާއިރު، ޖުމުލަ 5220 ކާނާގެ ޕާރްސަލާއި 5220 ބަސްތާގެ ގޮދަން ފުށްވަނީ ފޮނުވާފައެވެ.

މި ތަކެތި އިރުމަތީ ޣުތާގެ އެންމެ ބޮޑު ސިޓީ އަދި އެންމެ ގެއްލުން ލިބިފައިވާ ސިޓީކަމުގައިވާ ދޫމާއަށް ފޮނުވާފައިވާއިރު ދޫމާގައި އެކަނިވެސް އެއްލައްކަ ފަންސަވީސްހާހާއި ގާތްކުރާ އަދަދަކަށް މީހުން ދިރިއުޅެއެވެ.

ދޫމާގައި ހަރަކާތްތެރިވާ ބައެއް އެކްޓިވިސްޓުން މީޑިޔާތަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ ކާނާގެ ތަކެތީގެ އަދަދު، ގިނަ އަދަދެއްގެ ރައްޔިތުންނަށް އެކަށީގެންނުވާކަމަށާއި އެހެންނަމަވެސް، އެހީގެ ތަކެތި ބަހާލައިގެން ބެހުމުގެ މަސައްކަތް ކުރާނެކަމަށެވެ.

އެހީ ފޯރުކޮށްދޭ ޖަމާއަތްތަކަށްވެސް އެންމެ އެކަށީގެންވާ މިންވަރަށް އެހީގެ ތަކެތި ފޮނުވުމަށް ނުކުޅެދިފައިވާއިރު، އަދި ފޮނުވުނު ތަކެއްޗަކީ އެންމެ ދެ ދުވަހަށް ބޭނުންކުރެވޭ މިންވަރުގެ ތަކެއްޗެވެ.

ފެބުރުވަރީ މަހުގެ 18 ވަނަ ދުވަހުން ފެށިގެން ސީރިޔާގައި ވެރިކަންކުރާ ބަޝާރުލް އަސަދާ ވަފާތެރި ފައުޖުތަކުން ދޭ ހަމަލާތަކުގެ ސަބަބުން އިރުމަތީ ޣޫތާގެ ޙާލަތުވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.