އިނގިރޭސިވިލާތުގެ ހީތުރޯ އެއާޕޯޓްގެ ފްލައިޓްތައް ފުރަން ބޭނުން ކުރާ ރަންވޭތައް ކައިރިން ޑްރޯނެއް ފެނިގެން އެއާޕޯޓުން ފުރަން ތައްޔާރުވެފައި ހުރި ހުރިހާ ފްލައިޓެއްގެ ދަތުރުތައް ހުއްޓާލައިފިއެވެ. ނަމަވެސް ގަޑިއެއްހާއިރު ފަހުން މިހާރު ވަނީ އަލުން ދަތުރުތައް ފަށާފައެވެ.

ޑިޕާޗާ ފްލައިޓްތައް ހުއްޓާލި ނަމަވެސް ހީތުރޯ އެއާޕޯޓަށް ފްލައިޓް ޖެއްސުން ކުރިއަށް ގެންދިޔައެވެ.

އިނގިރޭސިލާތުގެ ހީތުރޯ އެއާޕޯޓަކީ ދުނިޔޭގެ ދެވަނަ އަށް އެންމެ ބާރުބޮޑު އެއާޕޯޓެވެ.

ހީތުރޯ އެއާޕޯޓްގެ ތަރުޖަމާން ވިދާޅުވީ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ފުލުހުންނާއި ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ފްލައިޓްތައް ފުރުން ހުއްޓާލުން ހީތުރޯ އެއާޕޯޓްގައި ފްލައިޓްތައް ގިނަވެ، ތޮއްޖެހުނެވެ.

މިދިޔަ މަހު އިނގިރޭސިވިލާތުގެ ގެޓްވިކް އެއާޕޯޓް ކައިރިން ޑްރޯންތަކެއް އުދުހުމުން ވެސް އެއާޕޯޓް ހުއްޓުމަކަށް އައިސް އެތައް ހާސް ފަސެންޖަރުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހުނެވެ.

ހީތުރޯ އެއާޕޯޓުން ބުނީ އަލުން ދަތުރުތައް ފެށި ނަމަވެސް ސަލާމަތާއި ރައްކާތެރިކަމުގެ މިންގަނޑުތަކަށް ބަލައިގެން ރައްކާތެރިކަމުގެ ހުރިހާ ފިޔަވަޅެއް އަޅަމުން ގެންދާ ކަމަށެވެ.