މާތްވެގެންވާ ކައުބަތުﷲ ގެފުޅުގެ ތެރޭގައި އާދަޔާ ޚިލާފަށް ގިނަ އަދަދެއްގެ ސޫފިތަކެއް ފެތުރިއްޖެއެވެ. މަސްޖިދުލް ހަރަމުގެ އެކި ސަރަޙައްދުތަކަށް މި ސޫފިތައް ފެތުރިފައިވާއިރު، މި ގޮއްފުޅަނގިތަކެއްކަމަށް، މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނެފައިވެއެވެ.

"މޮރޮކޯ ވޯލްޑް ނިއުސް" އިން ބުނެފައިވާ ގޮތުގައި މި ގޮއްފުޅަނގިތައް، އެވަގުތު ގެފުޅަށް ނަމާދު ކުރާށާއި އެހެންވެސް އަޅުކަމުގެ ބޭނުންތަކަށް ގޮސް ތިބި މީހުންނަށް ފެނިފައިވެއެވެ. އަދި، އެފަރާތްތަކުން މި ސޫފިތަކުގެ ފޮޓޯތަކާއި ވީޑިޔޯތައް ވަނީ މީސް މީޑިޔާގައި އާއްމުކޮށްފައެވެ.

މަންޒަރު ދުށް ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި މި ގޮއްފުޅަނގިތައް ވަނީ މީހުން ގައިގައިވެސް ޖައްސާފައެވެ. އަދި، ބައެއް ސަރަޙައްދުތަކުގެ ބިންމަތީގައި އެއްކޮށް ކަހަލަ ގޮތަކަށް މި ސޫފިތައް ފެތުރިފައިވެއެވެ.

ސަރަޙައްދު ފޮގް ކުރަނީ

އެހެންނަމަވެސް، ކަމާ ބެހޭ ފަރާތްތަކުން ވަނީ ވަރަށް އަވަހަށް މިކަމަށް އިޖާބަދީ ވަރަށް އަވަހަށް މުޅި ސަރަޙައްދު ސާފުކޮށްފައެވެ.

އެމިރޭޓް އޮފް މައްކާ އިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުން ސޫފިތައް ނައްތާލުމަށް 138 މީހުން ދަނީ މަސައްކަތް ކުރަމުންނެވެ. އެފަރާތްތަކުން، އުމްރާވެރިންނާއި އެނޫންވެސް ފަރާތްތަކަށް އެންމެ ފަސޭހަވާނެ ގޮތަށް ކަން ކުރަމުންދާނޭކަމަށްވެސް ބަޔާނުގައިވެއެވެ.

އެފަރާތުން އިތުރަށް ބުނެފައިވާ ގޮތުގައި މިއީ ވަރަށް ފަހުން މައްކާ އަށް ކުރި ވިއްސާރައިގެ ސަބަބުން ކުރިމަތިވީ ކަމެއްކަމުގައި ބެލެވޭކަމަށް ބުނެފައިވެއެވެ. އެގޮތުން ވާރޭ ފެން އެޅުމުގެ ސަބަބުން ސަރަޙައްދުތަކުގައި ހުރި ކާނުތަކާއި ޖަންކްޝަން ވަޅުތަކުން ނިކުތް ސޫފިތަކެއްކަމަށް ބެލެވޭކަމަށް އެފަރާތުން ބުންޏެވެ.