ޖަރުމަންވިލާތުގެ ޗާންސެލަރ އެންޖެލާ މާކެލް އާއި މަތީފެންވަރުގެ ސިޔާސީ އެތައް ބޭފުޅުންނެއްގެ އަމިއްލަ ގިނަ މައުލޫމާތުތަކެއް އިންޓަނެޓްގައި ލީކް ކޮށްލާފައި ވަނީ އުމުރުން 20 އަހަރުގެ ދަރިވަރެއް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.
ޖަރުމަންވިލާތުގެ ސިޔާސީ ބޭފުޅުންގެ މައުލޫމާތުތައް ލީކް ކޮށްލުމުގައި ރަޝިއާގެ އަތެއް އޮތްކަމަށް ފުރަތަމަ ޖަރުމަންވިލާތުގެ ބައެއް ފަރާތްތަކުން ތުހުމަތު ކުރިނަމަވެސް މިހާރު ރިޕޯޓްތައް ބުނާ ގޮތުގައި މައުލޫމާތުތައް ލީކް ކުރި ދަރިވަރު ދެނެގަނެ އޭނާ ވަނީ ހައްޔަރުކޮށްފައެވެ.
ހައްޔަރު ކުރި ދަރިވަރަކީ އޭނާގެ މައިންބަފައިންނާއި އެކު ޖަރުމަންވިލާތުގެ ހެސީގައި ދިރިއުޅެމުން އަންނަ ދަރިވަރެކެވެ. މިހާތަނަށް ތަޙްޤީޤަށް ކަށަވަރު ކުރެވިފައިވާ ގޮތުގައި އެދަރިވަރު މައުލޫމާތުތައް ލީކް ކޮށްލުމުގައި އިތުރު މީހަކު ބައިވެރިވިކަމުގެ ހެއްކެއް ނެތެވެ. އަދި ލިބިފައި ހުރި މައުލޫމާތުތައް ލީކް ކުރުމުގެ ކުރިން އެހެން މީހަކާއި ހިއްސާ ކުރިކަމުގެ ހެއްކެއް ވެސް ނެތެވެ.
މިދިޔަ ޑިސެމްބަރ މަހު ދެ ޓްވިޓާ އެކައުންޓަކުން ލީކް ކުރި މައުލޫމަތުތަކުގެ ތެރޭގައި ސިޔާސީ ބޭފުޅުންގެ ބޭންކް އެކައުންޓްތަކުގެ މައުލޫމާތާއި އެބޭފުޅުން އާމްދަނީ ހޯދަމުންދާ ގޮތްތަކާއި ބައިވެރިވެފައިވާ ރަސްމިއްޔާތުތަކާއި ކުރަން ރާވާފައިވާ ބައެއް ކަންކަންކަމުގެ މައުލޫމާތު ވެސް ހިމެނެއެވެ. އޭގެ އިތުރުން މޯބައިލް ނަމްބަރާއި އީމެއިލް އެޑްރެހާއި ބައެއް ބޭފުޅުންގެ ފޭސްބުކް މެސެޖްތަކާއި ފޮޓޯތައް ވެސް ވަނީ ލީކް ކޮށްލާފައެވެ.
ސިޔާސީ ދާއިރާގައި މަސައްކަތް ކުރާ ހާހެއްހާ ބޭފުޅުންގެ މައުލޫމާތު ވަނީ ލީކް ކޮށްލާފައެވެ.
މައުލޫމާތުތައް ލީކް ކޮށްލީ ޑިސެމްބަރ މަހުގައި ކަމަށް ވީނަމަވެސް އެކަން ޖަރުމަންވިލާތުގެ ސަރުކާރުގެ ސަމާލުކަމަށް އައީ ޖަނަވަރީ މަސް ފެށުނު ފަހުންނެވެ.
ޖަރުމަންވިލާތުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މައްސަލައިގެ ތަފްސީލެއް ދެވޭނީ ތަޙްޤީޤު އިތުރަށް ކުރިއަށް ދިއުމުންނެވެ.
ހާދަ މޮޅޭ ތިކުއްޖާ.