އެމެރިކާގައި އަލަށް އުފަންވާ ކުދިންގެ އަދަދު މިދިޔަ 30 އަހަރުތެރޭގައި ވެސް ދަށަށް ނުދާ މިންވަރަށް 2017 ވަނަ އަހަރު ދަށް ގޮސްފައިވާ ކަމަށް އެމެރިކާގެ ސެންޓާ އޮފް ޑިޒީސް ކޮންޓްރޯލް އެންޑް ޕްރެވެންޓަން (ސީޑީސީ) ގެ ރިޕޯޓެއްގައި ބުނެފިއެވެ.

ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު އެމެރިކާއި އޮތް އާބާދީ އެއްމިންވަރުގައި ހިފެހެއްޓުމަށްޓަކައި ކުދިން އުފަންވާން ޖެހޭ މިންވަރަކަށް ވުރެ ގާތްގަނޑަކަށް ހުރިހާ ސްޓޭޓެއްގައި ވެސް ކުދިން އުފަން ވެފައި ވަނީ މާބޮޑަށް މަދުންނެވެ.

އާބާދީ އެއް ވަރެއްގައި ހިފެހެއްޓުމަށް ބޭނުންވާ މިންވަރަށް ކުދިން އުފަން ވެފައި ވަނީ ދެކުނު ޑަކޯޓާ އާއި އުޓާގައި އެކަންޏެވެ. އާބާދީ އެއް ވަރެއްގައި ހިފެހެއްޓުމަށް ކުދިން އުފަންވާން ޖެހޭ އެންމެ މަދު މިންވަރަށް ވުރެ ދަށުން ނަމަވެސް އެކަށީގެންވާ އަދަދަކަށް 12 ސްޓޭޓެއްގައި ކުދިން އުފަންވި ނަމަވެސް 29 ސްޓޭޓެއްގައި ކުދިން އުފަންވި މިންވަރު ވަނީ ބޭސް ލައިނަށް ވުރެ މާބޮޑަށް ދަށް ވެފައެވެ.

ސީޑީސީ އިން ބުނަ ގޮތުގައި އެމެރިކާގެ އާބާދީ އެއް ވަރެއްގައި ހިފެހެއްޓުމަށް ކުދިން އުފަންވާން ޖެހޭ މިންވަރަށް ވުރެ މިހާރު ކުދިން އުފަންވާ މިންވަރު 16 އިންސައްތަ ދަށެވެ.

ސީޑީސީ އިން ބުނާ ގޮތުގައި 2007 ވަނަ އަހަރުން ފެށިގެން 2017 ވަނަ އަހަރާއި ހަމައަށް އެމެރިކާގެ އާބާދީ 18 އިންސައްތަ ދަށަށް ހިނގައްޖެ ކަމަށެވެ. މިއީ ކުރިއަށް އޮތް އަހަރުތަކުގައި އެމެރިކާގެ އާބާދީ ދަށަށް ގޮސް އުފެއްދުންތެރިކަމަށް އަސަރު ކުރާނެ ކަމަކަށް ވާތީ ވީއެންމެ އަވަހަކަށް އާބާދީ އިތުރު ކުރެވޭނެ ގޮތްތަކަށް ސިޔާސަތުތައް ބައްޓަން ކުރަން އެމެރިކާގެ އިދާރާތަކަށް ސީޑީސީ އިން ވަނީ ގޮވާލާފައެވެ.

ރިޕޯޓްތައް ބުނާ ގޮތުގައި އާބާދީ ދަށަށް ދާން މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ ދެމަފިރިން ކުދިން ހޯދާ މިންވަރު މަދުވުމެވެ. އޭގެ އިތުރުން ޒުވާން އުމުރުގައި ދަރިން ނުހޯދުމަކީ ވެސް އާބާދީ ދަށަށްދާ ސަބަބެކެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ޖޮއްބެ

    ހޭވައްލާތައްޔާރު.....!!!