ބަންގްލަދޭޝްގެ ބޮޑުވަޒީރު، ޝައިޚް ޙަސީނާގެ ފޮޓޯއެއް އެޑިޓުކުރުމަށްފަހު އެފޮޓޯ ފޭސްބުކުގައި އާއްމު ކުރި މީހަކު ހަތް އަހަރު ދުވަސް ވަންދެން ޖަލުގައި ބަންދުކުރުމަށް އެޤައުމުގެ ކޯޓަކުން ޙުކުމް ކޮށްފިއެވެ.

ޚަބަރު ފަތުރާ ވަސީލަތްތަކުން ބުނާ ގޮތުގައި ޖަލަށް ލައިފައިވަނީ އުމުރުން 35 އަހަރުގެ މުޙައްމަދު މުނީރު ނަމަކަށް ކިޔާ މީހެކެވެ. ނޫސްތަކުން އިތުރަށް ބުނެފައިވާ ގޮތުގައި އެމީހާ ޖަލަށް ލުމަށް ޙުކުމް ކޮށްފައިވަނީ މިދިޔަ ބުދަ ދުވަހު، ޑާކާގައި ހުންނަ ސައިބަރ ޓްރައިބިއުނަލް އަކުންނެވެ.

ބަންގްލަދޭޝްގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފިޝަލަކު ބުނެފައިވާ ގޮތުގައި ޙަސީނާގެ ފޮޓޯގެ އިތުރުން ކުރީގެ ރައީސް ޒިލާއުއް ރަޙުމާނުގެ ފޮޓޯތަކެއްވެސް މުނީރު ވަނީ އެޑިޓު ކުރުމަށްފަހު ފޭސްބުކުގައި ޕޯސްޓު ކޮށްފައެވެ. އަދި ފޮޓޯތަކާއެކު ހުތުރު ބަހުން ކެޕްޝަން ލިޔެފައިވާކަމަށްވެސް ބުނެފައިވެއެވެ.

އެޤައުމުގައި 2013 ވަނަ އަހަރުން ފެށިގެން އަމަލު ކުރަމުން އަންނަ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ (އައިސީޓީ) ޤާނޫނުގެ ދަށުން މިހާތަނަށް ހަތް މީހަކު، ގުޅުންހުރި އެކި މައްސަލަތަކުގައި ޖަލަށް ލައިފައިވެއެވެ. މީގެތެރެއިން ގިނަ މައްސަލަތަކަކީ ހަސީނާއާ ގުޅުންހުރި މައްސަލަތައްކަމަށްވެސް މައުލޫމާތު ލިބެއެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ ފަރާތްތަކުން ދަނީ މި ގާނޫނާ ދެކޮޅަށް ވާހަކަ ދައްކަމުންނެވެ. މިއީ ގިނަ ފަރާތްތަކެއްގެ މިނިވަންކަމަށް ހުރަސް އަޅާ ގާނޫނެއްކަމަށް އެފަރާތްތަކުން ބުނަމުންދެއެވެ. އެޤައުމުގެ މަޝްހޫރު ފޮޓޯގްރާފަރު، ޝާހިދުލް އަލަމް ޖަލަށްލުމާއެކު، މި ވާހަކަތަކުގެ އަޑު ގަދަވެގެން ދިޔައެވެ.

ޝައިޚް ހަސީނާ ވަނީ ބޮޑުވަޒީރުކަމުގެ އައު ދައުރަކަށް، މިދިޔަ މަހު އިންތިޚާބުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސެއިހް ހަސީނާ ހެޑާ

  2. ސުތީ ހަސީނާ ބޮރު ސަކަރާތް

  3. މިއީ އަޅެ ކޮންކަހަލަ ޝައީޚެއް! އެންމެ ފަހުން ދަރުހެއްދެއްވީ ކޮން މައުޟޫއަކަށް؟

  4. ރަނގަޅު. ތިިކަހަލަ ފިތުނަވެރިން ޖަލަށް ލާން ޖެހޭނީ. އެ ގައުމުގެ ރައްޔިތުންވެސް އެކަން ގަބޫލު ކުރޭ. އެހެންވެ ދެވަނަ ދައުރަކަށް ހަސީނާ ހޮވީ. އެމީހުންގެ ގައުމަށް ކުރިއެރުން ގެނެސްދޭ މީހަކު ނަމަ، ވެރިކަމާ އަވަ ލައިގެން އުޅޭ ކައްޕަޅިން ޖަލު ނޫން އެހެން ތަނެއްގަ ތިއްބަސް އެމީހުންނަށް ވަރިހަމަ. ކޮން ނުފޮރުއްޕާނެއް.