ފިލިޕީންސްގެ ދެކުނުގެ ސަރަޙައްދެއްގައި އޮންނަ ޖަޒީރާ ރަށެއް ކަމަށްވާ މިންޑާނައޯއަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.

މި ބިންހެލުން އައިސްފައި މެޖްނިޓިއުޑް މިންގަނޑުން 2.7 ގެ ބާރުމިނުގައި ބިމުގެ ދިހަ ކިލޯމީޓަރުން އަޑިން ކަމަށް، އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން ބުނެއެވެ.

އިއްޔެ މެންދުރުަހުގެ ވަގުތެއްގައި އައި ބިންހެލުމުގެ ސަބަބުން ސުނާމީއެއްގެ އިންޒާރު ނެރެފައެއް ނުވެއެވެ. ނަމަވެސް ބިންހެލުމުގައި އެ ސަރަޙައްދަށް ވަނީ ބޮޑެތި ގެއްލުން ލިބިފައެވެ. އޮފިޝަލުން ބުނެފައި ވަނީ މިހާތަނަށް މި ބިންހެލުމުގެ ސަބަބުން މަރުވި މީހުންގެ އަދަދު 10 އަށް އަރާފައިވާކަމަށް ބެލެވޭކަމަށެވެ.

ބިންހެލުން އައި ރަށަކީ 25 މިލިއަންއަށްވުރެ އާވާދީ ބޮޑު ރަށެއް ކަމަށް ރިޕޯޓްތައް ބުނެއެވެ. އެ ރަށުގައި އުޅޭ މީހުންގެ 29 އިންސައްތައަށް ބިންހެލުމުގެ އަސަރު ކޮށްފައިވާނެ ކަމަށް ބެލެވޭކަމުގައި އޮފިޝަލުން ވަނީ ބުނެފައެވެ. ނަމަވެސް މި ހާދިސާގައި ލިބުނު ގެއްލުމުގެ ތަފްސީލެއް އެފަރާތްތަކުން އަދި ހާމައެއް ނުކުރެއެވެ.

މި ބިންހެލުން އައި ސަރަޙައްދަކި "ޕެސިފިކް ރިންގްސް އޮފް ފަޔަރ" ނަމަކަށްކިޔުނު ކަނޑުއަޑީގެ އަލިފާން ފަރުބަދަތަކުގެ މައްޗަށް އެކުލެވޭ ބިމުއަޑީގެ ދެ ޕްލޭޓެއް ގުޅޭ ސަރަޙައްދެކެވެ. މި ސަރަޙައްދަކީ އާދަޔާއި ޚިލާފަށް ބާރުގަދަ ބިންހެލުންތައް އައުމުގެ ފުރުސަތު ވަރަށް ބޮޑު ސަރަޙައްދެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.

އިއްޔެ ފިލިޕީންސްއަށް ބިންހެލުމެއް އައިސްފައި މިވަނީ، ދުނިޔޭގެ އެކި ކަންކޮޅުތަކަށް އާދަޔާއި ޚިލާފަށް ގިނައިން ބިންހެލުން އަންނަމުންދާ ދަނޑިވަޅެއްގައެވެ.