ސްރީލަންކާގައި މިއަދު ބޭއްވި އެޤައުމުގެ ލޯކަލް އޮތީރިޓީ އިލެކްޝަންސްގައި، ވެރިކަން ކުރާ ކޯލިޝަންގެ ޕާޓީތައް ބަލިކޮށް، އެޤައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަގެ އިއްތިހާދު، ސްރީލަންކާ ޕޮޑުޖަނަ ޕެރަމުނަ (އެސްއެލްޕީޕީ) އިން ބޮޑު ކާމިޔާބެއް ހޯދައިފިއެވެ.

މިއަދު މެންދުރުފަހު 1:30 ހާއިރު ގިނަ ވޯޓުފޮށިތައް ގުނައި ނިމިފައިވާއިރު، އެސްއެލްޕީޕީ އިން ވަނީ އިންތިޚާބުގެ 44.05 އިންސައްތަ ކާމިޔާބު ކޮށްފައެވެ. މި އިންތިޚާބުގައި ސްރީލަންކާގެ ބޮޑުވަޒީރު ރަނިލްވިކްރަމަ ސިންހަގެ ޕާޓީ، ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އަށް 31.65 އިންސައްތަ ކާމިޔާބު ވެފައިވާއިރު، އެޤައުމުގެ ރައީސް މައިތިޕާލަ ސިރިސެނާ ތަމްސީލު ކުރައްވާ ސްރީލަންކާ ފްރީޑޮމް ޕާޓީ (އެސްއެލްއެފްޕީ) އަށް ލިބިފައިވަނީ 9.52 އިންސައްތައެވެ.

ނަމަވެސް މިއަދު އޮތް އިންތިޚާބުގައި ވާދަކޮށް، ވެރިކަންކުރާ ކޮލަމްބޯގެ ކައުންސިލަށް ޔޫއެންޕީއިން ވާދަކުރި ރޯސީ ސެނަނަޔަންކެ ފަސޭހަކަމާއި އެކު ކާމިޔާބު ހޯދިއިރު، އޭނާ ވެފައި ވަނީ ކޮލަމްބޯގެ މުނިސިޕަލް ކައުންސިލަށް އައްޔަން ކުރެވުނު ފުރަތަމަ އަންހެން މޭޔަރަށެވެ.

މިފަހަރުގެ ލޯކަލް އޮތޯރިޓީ އިންތިޚާބަކީ އެޤައުމުގެ ވެރިކަން ކުރާ ކޯލިޝަނުން 2015 ވަނަ އަހަރުގެ އޮގަސްޓު މަހުން ފެށިގެން ވަކި ޕާޓީތަކެއްގެ ގޮތުގައި ވާދަކުރި ފުރަތަމަ އިންތިޚާބެވެ. އެހެންކަމުން އެސްއެލްއެފްޕީ އަށްވުރެ ބޮޑުވަޒީރު ނިސްބަތްވެ ވަޑައިގަތްނަވާ ޕާޓީ ކުރީގައި އޮތުމުން ސިރިސޭނާއަށް އޮތް ތާއީދު ކުޑަ ކަމަށް ގިނަ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

މި އިންތިޚާބުން ވެރިކަންކުރާ ކޯލިޝަން ބޮޑު ތަފާތަކުން ބަލިވެފައި މިވަނީ، ޕާޓީތަކުގެ ދެބަސްވުންތަކެއްގެ ސަބަބުން ސްރީލަންކާ ސަރުކާރުގެ ބައެއް މިނިސްޓަރުންވެސް ފާޅުކަން ބޮޑު ގޮތެއްގައި ސިރިސެނާއަށް ފާޑުކިޔަމުންދާ ދަނޑިވަޅެއްގައެވެ. ހަމަ އެހެންމެ ސިރިސޭނަގެ ވެރިކަމުގެ ދައުރަށް އެއް އަހަރު އިތުރު ކުރުމަށް ލަފާ ހޯދި މައްސަލަ އާއި ގުޅިގެންވެސް ޕާޓީތަކުން ހިތްހަމަނުޖެހިފައި ވެއެވެ.

ކިޔުންތެރިންގެ ހިޔާލު

1 ކޮމެންޓް

  1. ނުރަބޯ

    ސިރީލަންކާގެ ވެރިކަމަށް ރާޖަޕަކްސަ ގެ ބަދަލުގައި މައިތިރިޕާލާ ގެނެވުން އެއީ އިންޑިއާ އިން ރިޝްވަތު ދީގެން ކުރުވިކަމެކެވެ. އެއީ ސިރީލަންކާ ޗައިނާ އާއި މާބޮޑަށް ގާތްވަމުންދާތީ އެވެ. އެހެންނަމަވެސް އިންޑިއާ އަކަށް އެކަމުގައި މާބޮޑު ކާމިޔާބު ތަކެއްނުލިބުނެވެ. އެހެނީ މައިތިރިޕާލާ ގެ ސަރުކާރުން މިހާރު އެވަނީ ހެމްބަންޓޮޓަ ބަނދަރު ދިގު މުއްދަތަކަށް ޗައިނާއާ ހަވާލުކޮށްފަ އެވެ. ރާޖަޕަކްސަގެ ވެރިކަމުގައި އެގައުމުގައި ހަލުވިތަރައްގީގެ ފިޔަވަޅު ތައް އަޅަމުންދަނިކޮށް ވެރިކަން ބަދަލުކޮށް މައިތިރިޕާލާ އަށް ވެރިކަން ދިނުމުން އެއްކަލަ ތަރައްގީގެ ފިޔަވަޅުތައް މުޅިން ކަހަލަ ގޮތަކަށް ހުއްޓިފައިވާކަން ރައްޔިތުން ދަނީ އިޙްސާސް ކުރަމުންނެވެ. މިއަދު އެގައުމުގެ ރައްޔިތުން ބޭނުން ވަނީ އަލުން ރާޖަޕަކްސަ އާއި ވެރިކަން ހަވާލުކުރަންކަމީ ޝައްކެއް ނެތި އެނގޭކަމެކެވެ.