ޗައިނާގައި ބޯޓު ދެލި ނަގާ މައިނެއް ގޮވާ 21 މީހުން މަރުވެއްޖެއެވެ.

މިހާދިސާ ހިނގީ ޗައިނާގެ އުތުރުގެ ޝަންޒީ ޕްރޮވިންސްގެ ސިޓީއެއް ކަމަށްވާ ޝެންމޫގައެވެ. މިހާދިސާ ހިނގީ އިއްޔެ އެވެ. މައިން ގޮވި ހާދިސާގައި މައިނުގައި ތާށިވި 66 މީހަކު ވަނީ ދިރިތިއްބާ ސަލާމަތް ކޮށްފައެވެ.

ފުލުހުން ބުނީ މައިން ގޮވަން މެދުވެރިވި ސަބަބުން ދެނެގަތުމަށް ތަޙްޤީޤު ފަށާފައިވާ ކަމަށެވެ.

ޗައިނާގައި މައިންތައް ގޮވުމަކީ އާއްމު ކަމެކެވެ. މިފަދަ ހާދިސާތައް މާގިނައިން ހިނގާތީ ފަހަކަށް އައިސް މައިންތަކުގެ ސަލާމަތީ ކަންތައްތައް ބެލުމަށް ޗައިނާގެ ކަމާބެހޭ އިދާރާތަކުން ހާއްސަ އިސްކަމެއް ވެސް ދެއެވެ. ނަމަވެސް އަދިވެސް ހުރިހާ ހާދިސާތަކެއް ހިނގުން ހުއްޓުވިފައެއް ނުވެއެވެ.

އިއްޔެ ގޮވާފައި ވަނީ ޗައިނާގެ ބައިޖީ މައިނިން ކުންފުނީގެ މައިނެކެވެ. އެކުންފުންޏާއި ބެހޭ އިތުރު ތަފްސީލެއް އަދި ނުލިބެއެވެ.

މިދިޔަ އޮކްޓޯބަރ މަހުގެ 21 ވަނަ ދުވަހު ވެސް ޗައިނާގައި މައިނެއް ގޮވާ ބަޔަކު މަރުވެފައި ވެއެވެ.

ޗައިނާ ސަރުކާރުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު 2017 ވަނަ އަހަރު މައިންތަކުގައި ހިނގި ހާދިސާތަކުގައި 375 މީހުން މަރުވިއެވެ. އެއީ އޭގެ ކުރީ އަހަރާއި އަޅާ ބަލާއިރު 28 އިންސައްތައިގެ ދަށްވުމެކެވެ. މިދިޔަ އަހަރުގެ ތަފާސް ހިސާބުތައް އަދި ހާމަކޮށްފައެއް ނުވެއެވެ.

މުޅި ދުނިޔޭގައި ވެސް އެންމެ ނުރައްކާތެރިކޮށް ބޯޓު ދެލި ނަގާ އެއް ގައުމަކީ ޗައިނާ އެވެ. މައިންތަކުގެ ސަލާމަތީ ކަންތައްތައް ދަށްވި ނަމަވެސް އެތަންތަނުގައި މަސައްކަތް ކުރާނެ މުވައްޒަފުން ލިބެނީ އެމަސައްކަތުން ލިބޭ އާމްދަނީ ބޮޑުވުމުންނެވެ.

ކިޔުންތެރިންގެ ހިޔާލު